ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކާއިއެކު 226 މިލިއަން ޑޮލަރުގެ ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.

މި ރަސްމިއްޔާތުގައި އެފްޑީސީ އަދި އެގްޒިމް ބޭންކުގެ އިތުރުން އެކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް، ފައިނޭންސް މިނިސްޓާ އިބްރާހިމް އަމީރު، ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ރައީސް އޮފީހުގެ އިސްވެރިން، އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި މިމަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންކަމަށްވާ އެންބީސީސީ ލިމިޓެޑް އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން އެފްޑީސީގެ ބޯޑް ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ވަނީ 2 ލޯން އެއްބަސްވުމެއްގައި އިންޑިއާގެ އެގްޒިމް ބޭންކާއި އެފްޑީސީއިން ސޮއިކޮށްފައެވެ. އެއީ އެންބީސީސީ ލިމިޓެޑާއިއެކު ސޮއި ކުރެވިފައިވާ އީޕީސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިން ޔުނިޓް އާއި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީޕީސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ 116.45 މިލިއަން ލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.

އެންބީސީސީ ލިމިޓެޑް އާއި އެފްޑީސީގެ ފަރާތުން އީޕީސީ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ ފެބްރުއަރީ 2، 2021 ވަނަ ދުވަހުއެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި އެފްޑީސީގެ ފަރާތުން އީޕީސީ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ މާރިޗް 8، 2021 ވަނަ ދުވަހުއެވެ.

މި 2 މަޝްރޫއުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ. މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ދަނީ ތައްޔާރުވަމުން ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.