ހިސާނު ބިލް ނުވަތަ ނަފްރަތުގެ ބިލުގެ ހޫނުކަން ނުކެނޑި އުޅެނިކޮށް ސަރުކާރުން މިފަހަރު އަމާޒު ހިފީ ނޫސްވެރިންނާއި ނޫސް އިދާރާތަށް ގޮޅިއަކަށް ފައްތާށެވެ.
1976 ވަނަ އަހަރު ވުޖޫދު ކުރި ހެއްކާ ބެހޭ ގާނޫނަށް އިސްލާހެއް ގެނެސް، މަސްދަރު ނުވަތަ ސޯސް ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އެ ގާނޫނުގެ 136 ވަނަ މާއްދާ ވަނީ ހުށަހަޅާފައެވެ. އެ މާއްދާގެ (ހ) ގައި އާންމު ހާލަތްތަކުގައި މަސްދަރު ހާމަ ކުރަން ނުޖެހޭނެ ކަމަށް ބުނެފައި އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، މަސްދަރު ހާމަކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މަސްދަރު ހާމަކުރަން ލިޔުމެއް ލިޔުނު ނޫސްވެެރިޔާ އަަށާއި އެ ލިޔުމެއް ޝާއިއު ކުރި މީޑިއާއަށް މަޖުބޫރު ކުރުމުގެ ބާރު ވެެސް އެ މާއްދާގެ ދަށުން ފަނޑިޔާރުންނަށް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅި އިރު ސަރުކާރުގެ އިންޓެންޝަނާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިއްޖެއެވެ.
އޮކްޓޯބަރު 8، 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" ގައި ބުނާ ވާހަކަ އާއި މިއަދު ހެއްކާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު އޮތީ ދިމާ އިދިކޮޅަށެވެ.
ވިސްލްބްލޯކުރާ ބިލުގައި ނޭދެވޭ އަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ މައުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯ ކުރުމުގައި، އަމަލުކުރާނެ އުސޫލުތައް ބަޔާން ކުރެއެވެ. އަދި ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި، ނޭދެވޭ އަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީ ވަނިވި، ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް އެބިލުގައި ބަޔާންކޮށްފައި ވެއެވެ.
އަދި އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި، ވިސްލްބްލޯ ކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމާއި ހުށަހެޅޭ ނޭދެވޭ އަމަލުތަކަށް ޖަވާބުދާރީ ވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުންވެސް އޮތީ ހިމަނާފައެވެ. މީގެ ވިސްލްބްލޯކުރާ ފަރާތްތަކަށް އިތުރުންވެސް ގާނޫނުގެ ދަށުން ލިބިގެންވާ ހައްގުތަކުގެ ބޭނުން އެކަށީގެންވާ އަދި ޒިންމާދާރު ގޮތެއްގައި ހިފުމާއި ބާރުއެޅުން ވެސް އެބައޮތެވެ.
ސަރުކާރުން މި ކުރީ ކީއް؟
ސަރުކާރުން މިއަދު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅިއިރު ވިސްލްބްލޯ ކުރާ ބިލުގައި ބުނާ އެއްޗެއްގެ އިތުރުން، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނާ އެއްޗެއްވެސް އެނގޭ ކަމާމެދު ޝައްކެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި، ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތްއިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް މުތުލަގަށް ބުނެފައިވާ އެބަ އޮތެވެ.
މިހެން މިކަން އޮވެ، ވެރިކަމަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަން އެންމެ ބޮޑު އެއް ވައުދަކީވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ވައުދެވެ. އެ ވައުދުގެ ދަށުން ނޮވެމްބަރު 22، 2018 ގައި އަބުރުގެ ގާނޫނު ސަރުކާރުން އުވާލިއެވެ. އެއީ ރައީސް ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ތަސްދީގު ކުރި ގާނޫނުވެސް މެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މީން ޒަމާނެއްގައި ނެތް މިންވަރަށް ނޫސްވެރިކަމުގެ މިނިކަން ހުޅުވި ނޫސްތައް އިތުރުވެގެން ދިޔައެވެ.
ނަމަވެސް ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުން އެ ހުރިހާ ކަމެއް ކަފުންވެ މިނިވަން ނޫސްވެރިކަމުގައި ކަސްތަޅުއެޅިގެން ދާނެއެވެ.
މަސްދަރު ހާމަ ކުރުމާއި ނުކުރުން
ޑިމޮކްރެޓިކް ހަމަ ތަކުގައި މަސްދަރު ހާމަ ކުރުން އާންމު ކޮށްފައި ނޯންނަނީ އޭގެ ފަހަތުގައި އެތައް ގިނަ ސަބަބުތަކެއް ހުންނާތީއެވެ. މަސްދަރު ނުވަތަ ސޯސް އަކީ، ޑިމޮކްރެޓިކް ނިޒާމު ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ތަނެއްގައި ހިނގާ ނުރަނގަޅު ކަންތައްތަކާއި، ކޮރަޕްޝަނާައި ފަސާދަ ފަދަ ނޭއްގާނީ ކަންކަމާއި އެނޫންވެސް އެތައް ކަމެއްގެ މައުލޫމާތު ސިއްރިއްޔާތުގައި ނޫސްވެރިންނަށް ނުވަތަ ކަމާބެހޭ އެހެންވެސް ފަރާތްތަކަށް ފޯރުކޮށް ދޭ ފަރާތްތަކުން ފޯރުކޮށްދެނީ، އޭނާގެ ނަން ހާމަ ނުކުރާނެ ކަމުގެ ޔަގީންކަމާއި ރައްކާތެރިކަން ކަށަވަރުވާތީއެވެ.
އޭގެ ނަތީޖާއަކީ، މުޖުތަމައުގައި ހިންގާ ނޭއްގާނީ އެތައް ކަމެއް ހުއްޓުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް މަގުފަހިވެ ބާރުލިބިގެން ދިޔުމެވެ.
މަސްދަރު ހާމަ ކުރުމުގައި ބައިނަލްއަގުވާމީ ހަމައަކީ، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައާއި ދައުވާ ކުރުމުގައި މަސްދަރު ކޮންމެހެން އެނގެން ޖެހޭ ހާލަތާއި، މަސްދަރު ނޭނގި ޖިނާއީ ދައުވާ ލިބޭ ފަރާތަށް ދިފާއުވެވެން ނެތް ހާލަތްތަކާއި އާންމު މަސްލަހަތު އޮތީ މަސްދަރު ހާމަ ކުރުމުން ކަމަށް ޝަރީއަތެއްގައި ކަނޑައެޅި ނިންމާ ހާލަތްތަކެވެ.
ރާއްޖެ ފަދަ ފަސާދައާއި ކޮރަޕްޝަން އާންމުވެ، އަދުލުގެ ނިޒާމުގެ އިތުބާރާމެދު ސުވާލު އުފެދިފައި އޮތް މާހައުލެއްގައި މަސްދަރު ހާމަ ކުރުމަކީ އެ ފަދަ ފަސާދައާއި ނޭއްގާނީ ކަންކަން "ސޭލް" އެޅުވުން ނޫން ކަމަކަށް ނުވާނެއެވެ. ކުށަށް އަރައިގަތުމަށް ހިތްވަރު ދިނުން ނޫންކަމަކަށް ނުވާނެއެވެ. ކަމެއް ހިނގި ގޮތް، ހިނގާ ގޮތް، ރިޕޯޓު ކުރުމުގެ ދޮރު ބަންދު ކުރުން ނޫން ކަމަކަށް ނުވާނެއެވެ. އެހެން ކަމާއެކު ހެއްކާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ހިސާނު ބިލާ ގުޅިގެން އުފެދުނު ނުތަނަވަސް ކަމަށް ފަހު ނޫސްވެރިން ހުރަގެއަށް ނުވަތަ ގޮޅިއަކަށް ނުވަތަ ނުރައްކަލަށް ހުށަހެޅުމަށް ކުރާ ކަމެއްގެ ގޮތުގައި ނޫނީ ބެލޭކަށް ނެތެވެ.
ބްރޯ ވަޓް؟ ޤަނޫނެއް ގަވާއިދެއް ކިޔާނެކަމެއް ނެތް. ވާނުވާ ބަލާނެ ކަމެއްނެތް. ކޮސްގޮވާ ތިބެގެން. މިވެސް ނޫސްވެރިކަމޯ