ނޫސްވެރިން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި މާއްދާއެއް ހިމަނައިފިއެވެ.
ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.
މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތީ 136 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާގައި އޮތީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މަސްދަރު ހާމަކުރަން ލިޔުމެއް ލިޔުނު ނޫސްވެެރިޔާ އަަށާއި އެ ލިޔުމެއް ޝާއިއު ކުރި މީޑިއާއަށް މަޖުބޫރު ކުރުމުގެ ބާރު ވެެސް އެ މާއްދާގެ ދަށުން ފަނޑިޔާރުންނަށް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
އެ ބިލަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، ނޫސްވެރިން މައުލޫމާތު ހޯދި މަސްދަރު ހަމާކަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހު ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ ޖުޑިޝަރީގެ ހާލަތު މިހާރު އޮތް ގޮތުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރުން އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި ނޫސްވެރިއާއަށާއި މީޑިއާއަށް މަސްދަރު ހޯދަން މަޖުބޫރު ކުރެވޭނެ ކަމަށް އޮތުމުން އެފަދަ ބާރުތަކެއް ފަނޑިޔާރުންނަށް ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ހެއްކާ ބެހޭ ބިލުގައި ހެކިބަސްދޭ މީހުން ހިމާޔަތް ކުރާނެ މާއްދާތަކެއް ނެތް ކަން ފާހަގަ ކުރައްވައި އުޝާމް ކަންބިޑުވުން ފާޅުކުރެއްވިއެވެ. އެ ގޮތުން ހެކިބަސްދޭ މީހުން ހިމާޔަތް ކުރާނެ ގޮތްތަކެއް ބިލުގައި އޮންނާނެ ކަަމަށް ހީކުރެއްވުުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ބިލު ޑްރާފްޓް ވެގެން އައި އިރު ހެކިން ހިމާޔަތް ކުރުމާ ބެހޭ އެއްވެސް ވާހަކަ އެއް ނެތް ކަމަށާއު ވިޓްނަސްއާ ބެހޭ ކޮންމެވެސް އުސޫލުތަކެއް އޮންނަން ވާނެ ކަމަށް އުޗާމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.
މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ބިލު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.
ނޫސްވެރިންގެ މިނިވަނަކަން މެކްސްއަށްދޭ ސަރުކާރޯ މިއީ!