ސޯޝަލް މީޑިއާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން މައްސަލައިގާ ހައްޔަރު ކުރި އިސްމާއިލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު ދިނުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލަށް ލައިފިއެވެ.

ޔާސިރު ހައްޔަރު ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރ. މީދޫއިންނެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި ވެސް އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި މައްސައިގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ޖަހަން ގެންގޮސްފައިވަނީ ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށެވެ. އެ ދުވަހު 15 ދުވަހުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެން 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި ރައީސް ނަޝީދަށް އަނެއްކާ ވެސް އިންޒާރު ދީފައި މިވަނީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓަކުންނެވެ.

އެ ކޮމެންޓުގައި އެމީހާ ބުނެފައިވަނީ ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގެންފިނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެމީހާގެ ކޮމެންޓަށް ރައްދުދީ އެހެން މީހަކު ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓަށް ވެސް ރައްދު ދެމުން އޭނާ ވަނީ ހައެއް މޭގައި އެތަން ވަނީ ފެނިފައި ކަމަށާއި ދެން އެއަށް ވުރެ ހިތިވާނެ ކަމަށެވެ.

ރައީސް ނަޝީދު މިހާރު ވެސް ހުންނެވީ މޭ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދެވުމަށްޓަކައި އިނގިރޭސި ވިލާތުގައެވެ.