ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގަ މަހަކު 5،800ރ. ނެގި ކަމުގައިވިޔަސް، 20 އަހަރު ފަހުން އޭގެ ފައިދާ އެޗްޑީސީ އަށް ކުރާނެ ކަމަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި 5،800ރ. ނެގި ކަމަށްވިޔަސް އެޗްޑީސީއަށް އޭގެ 20 އަހަރު ފަހުން ފައިދާ ވާނެ ކަމަށާއި، ނަމަވެސް ފްލެޓުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުކޮށް، ކުލީގެ އަގުތައް 8،500ރ. އަށް ވުރެ ބޮޑު ކުރުމުގެ ސަބަބުން އޭގެ ބުރަ އުފުލަން ޖެހެނީ އާންމުން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް

މީގެ ކުރިން ރާވާފައި އޮތީ ހިޔާ މަޝްރޫއު އިން ފްލެޓުތައް ކަށަވަރުވި ފަރާތްތަކަށް ފްލެޓުތައް އެ ފަރާތްތަކުން ބޭނުންވާ ގޮތަށް ނިންމާފަ ހަވާލުކުރަން ކަމަށާއި، އެކަމަށް 43 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިފައި އޮތް ނަމަވެސް، މި ސަރުކާރުގެ އިކޮނޮމިކް ޕޮލިސީ އާއި އެހެނިހެން ކަންތައްތައް ހުރިގޮތުން އެ ލޯނުވެސް ގެއްލި، ރައްޔިތުންނަށް ވަނީ އިތުރު ބުރައެއް އުފުލަން ޖެހިފައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަދި މިއީ ސަރުކާރުން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާ މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއު އަނިޔާއަކަށް ބަދަލުކުރީ މި ސަރުކާރުން ކަމަށެވެ.

އަނިޔާއަށް (ހިޔާ ފްލެޓުގެ މަޝްރޫއު) ބަދަލުކުރީ މި ސަރުކާރުން، މި ސަރުކާރުގެ ކުންފުނިތަކާއި، ރައީސް އޮފީހުންނާއި، އިދާރާތަކުން
މޭޔަރު މުއިއްޒު

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ ކުރިން، ކުރީ ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ ބޮޑު ބައެއް ނިންމާފައި ކަމަށެވެ.