ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސް މެދުވެރިކޮށް ފައިސާ ވެސް ދޫކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމާ، މަރާމާތުކުރުމުގެ އިތުރުން އެތަނަށް ބޭނުން ތަކެތި ގަތުމަށް ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަަކަށް ހާއްސަކޮށް ބީއެމްއެލް އިސްލާމިކް އިން ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެއް ކަމަށެވެ.

ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށް ވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ. ހަމައެއާއެކު ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތުވެސް ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފަ.
ބީއެމްއެލް އިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށް ކަމަށާ އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކާ ހަލާސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެ ފެސިލިޓީއަށް ދާދިފަހުން ގެނާ ބަދަލާއެކު، އާއިލާގެ މެންބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރިން އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ފެސިލިޓީއަށް އެދި، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށް ކަމަށެވެ. އަދި މާލެއިން ފިޔަވާ ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ ކޯޓޭޝަންގެ ކުލަ ކޮޕީއެއް (ޕީޑީއެފް ފޯމެޓް ގައި) އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށެވެ.