އަވަށްޓެރި އަފްގާނިސްތާނުގައި މިހާރު ކަން ހިނގަމުން ދާ އުސލުން އަންހެނުންނާއި އަންހެން ކުދިންގެ ތައުލީމަށް ހުރަސް އެޅުމަކީ، އިސްލާމީ ރޫހާ ހިލާފު ކަމެއް ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވަނީ، ޕާކިސްތާނުން ރަސްމީ ސިފައެއްގައި ތޯލިބާން ސަރުކާރު ބަލައިގަތުމަށްޓަކާ، ތޯލިބާނުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކެއްވެސް ބަޔާން ކޮށްދެއްވާފައެވެ.

ހަމަ މިމޭރުމުން އިމްރާން ވަނީ، އަފްގާނިސްތާންގެ ލީޑާޝިޕަކީ ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ ލީޑާޝިޕަކަށް ހެދުމަށާ، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށްވެސް ގޮވާލައްވާފައެވެ.

އަދި އަފްގާނިސްތާންގެ ފަސްގަނޑަކީ، ޕާކިސްތާނުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރާ ޓެރަރިސްޓުންގެ ކިއްލާއަކަށް ވިޔަ ދީގެން ނުވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަފްގާނިސްތާންއިން ވަނީ އެ ގައުމުގެ ސާނަވީ ސްކޫލްތަކުގެ ކިޔެވުން ފަށާފައެވެ. ނަމަވެސް ސްކޫލަށް ހާޒިރުވުމުގެ ފުރުސަތު ދެމުން ދަނީ ހަމައެކަނި ފިރިހެން ދަރިވަރުންނާއި ފިރިހެން މުދައްރިސުންނަށެވެ. އަންހެން ދަރިވަރުންނަށް ސްކޫލަށް ހާޒިރު ވެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ތޯލިބާނުން ބުނާއިރު، ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަންހެނުންނާއި އަންހެން ކުދިންނަށްވެސް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު، ތޯލިބާނުން ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާ، އަންހެނުންނަކީ އިލްމު އުނގެނެން ޖެހޭ ބައެއް ނޫން ކަމަށް ގަބޫލު ކުރާ ފިކުރަކީ އިސްލާމީވަންތަ ފިކުރެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެކަމަކީ ދީނާ ގުޅޭ ކަމެއް ނޫން ކަންވެސް އިމްރާޏް ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގެ އަންހެން ދަރިވަރުންނަށް ސްކޫލަށް ހާޒިރު ވެވޭނެ ދުވަހެއް އަދި ސާފެއް ނުވެއެވެ. އަދި ތައުލީމު ހާސިލު ކުރެވެން އޮތް ފުރުސަތުތަކާ ބެހޭ ތަފްސީލުތަކެއްވެސް ނޭނގެއެވެ.