ހުޅަނގުން އެންމެ ހަރުއަޑުން އެކަމަކަށް ވަކާލާތު ކުރާ އެއް ކަމަކީ އިންސާނީ ހައްގުތައް ކަމަށް ވާއިރު، ދެ ޖިންސުގެ ހަމަހަމަ ކަމުގެ މައުލޫއަކީ އެންމެ ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވޭ އެއް މައުލޫއެވެ. ޖިންސުގެ ހަމަހަމަ ކަމަށް ދުނިޔެ ޖަހަމުން އަންނަ ރޭހުގައި، އަންހެނުންނާއި އަންހެން ކުދިން މިހާރުވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް ދެ ޖިންސުގެ ހަމަހަމަކަން ހާސިލު ކުރެވިފައެއް ނުވެއެވެ.
އދއިން ބުނާ ގޮތުގައި ދެ ޖިންސުގެ ހަމަހަމަކަން ހޯދުނު އެއްވެސް ގައުމެއް އަދި ނެތެވެ. ނުވިތާކަށް، މިހާރު ކަން ހިނގަމުންދާ ނިސްބަތުން، 2030 ވަނަ އަހަރު އަންނައިރުވެސް މި އަމާޒު ހާސިލު ވާނެ ގައުމެއް ނެތެވެ.
ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް އދއިން ބޭއިޖީންގް ޑެކްލަރޭޝަން އެކުލަވާލިތާ 25 އަހަރުވީއިރުވެސް، ނަތީޖާ ނެރުން އޮތީ އިންތިހާ މަޑުޖެހިފައެވެ. ސިއްހީ ބަލިމަޑުކަމާ، ތަފާތު ކުރުންތަކާ، އިންތިހާ ފަގީރު ކަމުގައި އަންހެނުން އުފުލާ ތަކުލީފުތައް ބޮޑެވެ. ތަދުގެ ވާހަކަ އަދި ނިމުނީކީ ނޫނެވެ.
އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ފާއިތުވީ 12 މަސްދުވަހަށް ބަލާއިރު، އުމުރުން 50 އަހަރުން ދަށުގެ ކޮންމެ 5 އަންހެނަކާއި އަންހެން ކުއްޖަކުން 1 އަކީ، ގާތް ބައިވެރިއެއްގެ ސަބަބުން ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ތަހައްމަލުކޮށް، އެކަން ރިޕޯޓް ކޮށްފައި ވާ ބައެކެވެ.
ދެމެހެއްޓެނިވި ތަރައްގީގެ 17 އަމާޒެއް، އދއިން ކަނޑައެޅީ ސެޕްޓެމްބަރު 2015 ގައެވެ. 193 ގައުމަކުން ވަނީ، މި އަމާޒަށް ވާސިލުވުމަށް ބައިއަތު ހިފާފައެވެ. މި ކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރާ ކަމަށް ގައުމުތަކުން ބުނި ކަމުގައި ވީ ނަމަވެސް، 1.4 މިލިއަން އަންހެނުންނާއި އަންހެން ކުދިންނަކީ ތަފާތު ކުރުންތަކާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބައެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.
އިގުތިސޯދީ ފަރަގަކީ، ޖިންސުގެ ތަފާތު ކުރުންތަކާ ގުޅިފައި ވާ ފަރަގެއް ކަން އދއިން ފާހަގަ ކުރެއެވެ. ފިރިހެނުންނާ އަޅާ ބަލާއިރު، ވަޒީފާ ނެތް އަންހެނުންނާއި، ލިޔަންކިޔަން ނުދަން އަންހެނުންގެ ނިސްބަތް އިތުރެވެ. އދއިން ފާހަގަ ކޮށްފައި ވާ ބައެއް ކަންކަމަށް ބަލާއިރު، ޖިސްމާނީ އަދި ޖިންސީ އަނިޔާތަކުން އަންހެނުންނާއި އަންހެން ކުދިން ރައްކާތެރި ކުރާނެ ގާނޫނެއް ނެތް ގައުމުތަކުގެ އަދަދު 49 އަށް އަރައެވެ.