ޓައިވާންގައި ހައްދާ އަތަ އާއި ޖަނބުރޯލަށް، ސޫފާސޫފީގެ ނުރައްކާ ކުރިމަތިވެފައި ވާ ކަމަށް، ޓައިވާންގައި ހައްދާ މި އުފެއްދުންތައް ޗައިނާއަށް އިމްޕޯޓް ކުރުން މަޑުޖައްސާލުމާ ގުޅިގެން، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) އަށް އެ މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ، ޓައިވާންއިން ޗައިނާއަށް ބިރު ދައްކައިފިއެވެ.

ޓައިވާންއަކީ ޗައިނާއިން ގަބޫލު ކުރާ ގޮތުގައި އެ ގައުމުގެ ވެރިކަން ހިނގާ އިހުތިސޯސްގެ ތެރޭގައި އޮތް މަންޒިލަކަށް ވާއިރު، ޓައިވާންއާއި ޗައިނާގެ ގުޅުން މިހާރު ވަނީ، ކައިރި މާޒީ ދެކެފައި ނުވާ ދަރަޖައަށް ހީނަރުވެފައެވެ. ޓައިވާންއަށް އިސްތިގުލާލީ ބާރު ލިބިފައި ވާ ކަން ގަބޫލު ކުރުމަށް ޗައިނާއިން ސިޔާސީ އަދި ޕްރެޝަރު ގަދަ ކުރުމުން ދިއުމަކީ މިކަމުގެ ސަބަބެކެވެ.

ޓައިވާންގައި ހައްދާ ޖަނބުރޯލާއި އަތަ އިމްޕޯޓް ކުރުން ޗައިނާއިން ސަސްޕެންޑް ކޮށްފައި ވާއިރު، މިއަދުން ފަށައިގެން މިކަން ތަންފީޒު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ޓައިވާންގެ ކައުންސިލް އޮފް އެގްރިކަލްޗާ މިނިސްޓާ ޗެން ޗީ-ޗުންގް ވިދާޅުވީ، މި މައްސަލާގައި ޗައިނާއިން އަމަލު ކޮށްފައި ވަނީ ހަމައެކަނި ޗައިނާގެ މަސްލަހަތަށް ބަލައިގެން ކަމަށެވެ. އެގޮތުން ސައެންޓިފިކް އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އިމްޕޯޓް މަޑުޖައްސާލި ކަން އަންގާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 09:00 ގައި ކަމަށްވެސް ޗެން ވަނީ ވިދާޅުވެފައެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ކުރިން މި މައްސަލަ ހައްލު ނުކޮށްފިނަމަ، ޑަބްލިއުޓީއޯއަށް މައްސަލަ ވައްދާނެ ކަމަށް ޓައިވާން އިން ވަނީ އިންޒާރު ކޮށްފައެވެ.

ޓައިވާންގެ ހާރިޖީ ވަޒީރު ޖޯސެފް ވޫ ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ވިޔަފާރިވެސް ހަތިޔާރަކަށް ބޭނުން ކުރާ ކަމަށް ސިފަކުރައްވާފައެވެ. އަދި ޓްރާންސް-ޕެސިފިކް ވިޔަފާރި އެއްބަސްވުމެއްގައި ޗައިނާއިން ބައިވެރިވުމަށް އެދި ހުށަހެޅުމަކީ ޖޯކެއް ކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

މިއީ މި އަހަރު ތެރޭގައި ޗައިނާއިން ޓައިވާންގެ އިމްޕޯޓް ހުއްޓާލި 2 ވަނަ ފަހަރެވެ. މި އަހަރުގެ ޖެނުއަރީ މަހު ޗައިނާއިން ވަނީ، ޓައިވާންގެ އަލަނާސިން ނުރައްކާތެރި ސޫތްޕެއް ފެންނަ ކަމަށް ބުނެ، އެ މޭވާ އެތެރެ ކުރުން ހުއްޓާލާފައެވެ. ނަމަވެސް ޓައިވާންއިން ވަނީ އަލަނާސިތަކުގައި މައްސަލައެއް ނެތް ކަމަށާ، ޗައިނާއިން ކުޅެނީ ސިޔާސީ ކުޅިއެއް ކަމަށް ބުނެފައެވެ.