ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހާ ރޫޅާލައިފިއެވެ.

މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާނޫނީ އިންޒާރު ދިނުމަށް ފަހުއެވެ. ނަމަވެސް މުޒާހަރާ ރޫޅާލާފައި ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރުމަށް ފަހުއެވެ.

އެކަމާ ގުޅިގެން ދެ މީހަކު ވަނީ ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައެވެ. މުޒާހަރާގެ ބައިވެރިން މިހާރު ހިނގަމުން ދަނީ މަޖީދީމަގުން ރަށެތެރެއިން އެކި މަގުމަގުންނެވެ.

މި ހަރަކާތުގެ އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިންނާއި ބައެއް ސަޕޯޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ. މުޒާރަހާ ބާއްވަނީ ފިޔަވަތީގައި ހިނގާ ކަންކަމާ ގުޅުވާ ނަމަވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށެވެ.

މީގެ އިތުރުން، ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަލާމަތަށް ހުރި ގޮންޖެހުންތަކާ ގުޅުވާ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ.