ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ފަރެއް ހިމެނޭހެން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ފަރުގެ ސަތަހައިގެ ނިސްބަތް، 1950ގެ އަހަރުތަކަށް ފަހު 2 ބައިކުޅަ 1 ބައި މަދުވެފައި ވާ ކަން ހާމަވެއްޖެއެވެ.

އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްއިން ފެށިގެން އިންޑިއާ ކަނޑޫގެ ސާޔާ ޑި މަލްހާ ބޭންކާ ހިސާބަށް ބަލާއިރު، ފަރުގެ ސަތަހައާއި އެ ފަރުތަކުގައި ވާ މަސްމަހާމެހީގެ ދިރުންތައް، ހަލުވި ދުވެލީގައި ހީނަރުވެ، ދަށްވަމުން އަންނަ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

ހިނގަމުން މިދާ 21 ވަނަ ގަރުނުގައި، ދުނިޔެ ހޫނުވުމުގެ މައްސަލަވެސް ކުރިމަތިވެ ފައި ވާއިރު، ފަރުތަކުގެ ސަތަހަ ކުޑަ ވުމާއި ދިރުންތައް ހީނަރުވުމުގެ މައްސަލަ، ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

މެމޯރިއަލް ޔުނިވާސިޓީ އޮފް ނިއުފައުންޑްލަންޑްސްއިން ކުރިއަށް ގެންދިޔަ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައެންޓިސްޓް، ޓައިލާ އެޑީ ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ފަރުތަކަށް އަންނަ ހީނަރު ކަމާ މެދު ހައިރާން ވާ ކަން ފާހަގަ ކޮށްފައެވެ.

މި ދިރާސާ އެކުލަވާލާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން 87 ގައުމެއްގެ 14705 ފަރަކުން މައުލޫމާތު ނަގައިގެންނެވެ. މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ފަރުތަކުގައި މަސްމަހާމެހީގެ ދިރުން ދެމެހެއްޓުމަށް، 1990ގެ އަހަރުތަކުން ފަށައިގެން ކުރަން ޖެހިފައި ވާ މަސައްކަތްތައްވެސް ވަނީ އިންތިހާއަށް އިތުރު ވެފައި ކަން ފާހަގަ ކުރަން ޖެހެއެވެ.

މި ކަމަކީ ފަރުތަކުގެ ސިއްހަތު ދަށަށް ދާ ކަމުގެ ހެއްކެކެވެ. އަދި ފަރުތަކުން މަސް ހިފުން އިންތިހާއަށް އިތުރުވުމަކީވެސް މިކަމުގެ ސަބަބެކެވެ. އެންމެ ގިނަ އަދަދަކަށް ފަރުތަކުން މަސްވެރިކަން ކޮށްފައި ވަނީ 2002 ވަނަ އަހަރު ކަމަށް ވާއިރު، އޭގެ ފަހުން، ފަރުތަކުގެ މަސްމަހާމެހީގެ ދިރުންތައް އިންތިހާއަށް ދަށް ވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

"ވަން އާތު" ޖާނަލްގައި ޝާއިއު ކޮށްފައި ވާ މި ދިރާސާއިން ދައްކާ ގޮތުގައި، ފަރުތަކުގައިވާ ދިރުންތަކުގެ ބާވަތްތަކުގެ ނިސްބަތް ވަނީ، 60 ޕަސެންޓަށް ވުރެ ބޮޑަށް ހީނަރު ވެފައެވެ. އަދި ފަރުތައް ފެތުރިފައިވާ ސަތަހައިގެ ބޮޑު މިންވެސް 2 ބައިކުޅަ 1 ބައި ކުޑަ ވެފައެވެ. ހަމަ މިއާއެކު، ފަރުތަކުން އިންސާނީ އާބާދަށް ލިއްބައިދޭ ހިދުމަތްތައްވެސް ހީނަރު ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.