ހަރުކަށި ފިކުރުގައި ހައްދު ފަހަނަ އަޅާފައި ވާ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުގެ ސާނަވީ ސްކޫލްތައް އަލުން ހުޅުވައިގެން ކިޔަވާދޭން ފަށާފައި ވާއިރު، އަންހެން ދަރިވަރުންނާއި އަންހެން މުދައްރިސުން ނެތް ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އަފްގާނިސްތާނުގައި ތައުލީމު ހާސިލު ކުރަމުން ދިޔަ އަންހެން ދަރިވަރުންނާ ހަވާލާދީ، ބީބީސީއިން ބުނީ، އަނބުރާ ސްކޫލަށް ދިއުމަށް ފުރުސަތު ނެތުމުން އިންތިހާ ހިތްދަތިކަން އިހްސާސް ކުރެވޭ ކަމަށް އެ ދަރިވަރުން ބުނެފައި ވާ ކަމަށެވެ. އަދި ހުރިހާ ކަމެއް، "ބަނަވެ، އަނދިރިވެފައި" ވާ ކަމަށެވެ.

އޯގަސްޓް 15، 2021 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާ، އެ ގައުމުގައި ވަގުތީ ސަރުކާރެއް އިއުލާން ކޮށްފައި ވާ ތޯލިބާނުން ވަނީ ސާނަވީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު، އަންހެން ދަރިވަރުންނަށް ދިނުމާ ބެހޭ ގޮތުން ނިންމަން ޖެހޭ ކަންތައްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ސްކޫލް ހުޅުވުމާ ދިމާކޮށް ތޯލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ހާޒިރު ވާނީ ފިރިހެން ދަރިވަރުންނާއި ފިރިހެން މުދައްރިސުން ކަމަށެވެ.

އަފްގާނިސްތާނުގައި ސާނަވީ ސްކޫލް މަރުހަލާގައި އާންމު ގޮތެއްގައި ކިޔަވަމުން ދަނީ، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނެވެ. އަދި ގިނަ ކުލާސްތަކަކީ، ސެގްރިގޭޝަން އުސޫލުން، 2 ޖިންސް ވަކިން ކިޔަވާދޭ ކުލާސްތަކެވެ.

ތޯލިބާނުންގެ ތަރުޖަމާނު، ޒަބީއުއްލޯ މައްސޫދާއި ހަވާލާދީ އަފްގާނިސްތާނުގެ ބަހްތަރު ނިއުސް އޭޖެންސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އަންހެން ދަރިވަރުންގެ ސްކޫލްތައް އަވަސް މުސްތަޤުބަލެއްގައި ހުޅުވާނެއެވެ. އަދި މިކަމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށާ، މުދައްރިސުން ބައި ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، އެދެވޭ ނަތިޖާއެއް ފެނިދާނެ ކަމުގެ އުއްމީދު، އަފްގާނިސްތާނުގެ އަންހެން ދަރިވަރުންނާއި ބެލެނިވެރިންގެ ކިބައިން ވަނީ ގެއްލިފައެވެ.

1990ގެ އަހަރުތަކުގެ ކުރީ ކޮޅު، އަފްގާނިސްތާނުގައި ހަރުކަށި ވެރިކަމެއް ތޯލިބާނުން، އަނެއްކާވެސް އެ ގައުމުގެ ވެރިކަމަށް އަރާފައި ވާއިރު، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ބޮޑު އުނިކަމެއް ލިބިދާނެ ކަމަށް، ބައިނަލްއަގުވާމީ މުޖުތަމައުއިން ދިޔައީ އިއްތިފާގު ވަމުންނެވެ.

ނަމަވެސް ތޯލިބާންގެ އާ ވެރިކަމެއްގައި އަންހެނުންނަށް ފުރުސަތު އޮންނާނެ ކަމަށް އެ ޖަމާއަތުން ދަނީ ބުނަމުންނެވެ. އަދި ކިޔެވުމަށާއި ވަޒީފާ އަދާ ކުރުމަށްވެސް ފުރުސަތު އޮންނާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް ނަމަވެސް، ސަލާމަތީ ކަންކަން "ހަމަޖެހެންދެން" އަންހެން މުވައްޒަފުން ގޭގައި މަޑު ކުރުމަށް އެ ޖަމާއަތުން ވަނީ އަންގާފައެވެ. އަދި ޔުނިވާސިޓީތަކަށް އަންހެން ދަރިވަރުން ހާޒިރުވުމުގައި އަމަލު ކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ތޯލިބާނުން ވަނީ އެ ގައުމުގައި ހިންގަމުން ދިޔަ ވިމެންސް އެފެއާޒް މިނިސްޓްރީ ބަންދު ކޮށްފައެވެ. އޭގެ ބަދަލުގައި، ދީނީ ހަރުކަށި ފިކުރުގެ ސިޔާސަތުތައް ޕްރޮމޯޓް ކުރާ ވުޒާރާއެއް އުފައްދާފައި ވާ ކަމަށް ހަބަރު ލިބެއެވެ.