މުޅި ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް ހިންގަމުން އަންނަ ކެމްޕޭންގެ ތެރެއިން ދެކުނު އޭޝިއާ ގައުމުތަކެއް ދަރަނި ދަންތުރާގައި ޖައްސާފައިވާ ޗައިނާގެ ޝީންޖިއާންގްއާއި ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގަމުން އަންނަ ހޮންގްކޮންގްގެ ކަންކަމުގެ ތެރެއަށް ނުވަނުމަށް، އަވަށްޓެރި ސްރީލަންކާއިން، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔުއެންއެޗްއާރްސީ) އަށް ގޮވާލައިފިއެވެ.
ޗައިނާއަކީ ތަރައްގީގެ ނަމުގައި ލަންކާގައި ގިނަ މަޝްރޫއުތަކެއް ހިންގާ، ޗައިނާގެ މައްޗަށް އިންތިހާއަށް އެ ގައުމެއް ބަރޯސާ ކުރުވާފައި ވާ ގައުމެއް ކަން ފާހަގަ ކުރަން ޖެހެއެވެ.
ޔުއެންއެޗްއާރްސީގެ 48 ވަނަ ދައުރުގެ ޖެނެރަލް ޑީބޭޓްގައި ލަންކާއިން އިއްވި ބަޔާނުގައި އެ ގައުމުގެ ސަރުކާރުން ވަނީ، ޔޫއެންއެޗްއާރްސީއާއި އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީސް (އޯއެޗްސީއެޗްއާރް) އިން ވެސް، އދގެ އާންމު މަޖިލީހުގެ ގަރާރުތަކާ ހިލާފު ވެގެން ނުވާނެ ކަމަށެވެ.
އެގޮތުން ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމުގެ މަގުސަދުގައި، ޖިނާއީ ކުށުގެ ހެކި އެއްކުރުމުގެ މަސައްކަތް ފަދަ ޓާސްކުތައް، ޔޫއެންއެޗްއާރްސީ ނުވަތަ އޯއެޗްސީއެޗްއާރްއާ، އދގެ އާންމު މަޖިލީހުން ހަވާލު ކޮށްގެން ނުވާނެ ކަމަށްވެސް ލަންކާ ސަރުކާރުން ވަނީ ގޮވާލާފައެވެ.
އދގެ އުފެދުމުގެ މައިގަނޑު ބިންގަލެއް ކަމުގައި، އިސްތިގުލާލީ ގައުމުތަކުގެ ދާހީލި ކަންކަމާ ނުބެހުން ހިމެނޭ ކަން ލަންކާއިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން، ޝީންޖިއާންގްއާއި ހޮންގްކޮންގްއަކީ ޗައިނާގެ މުހިންމު ސަރަހައްދުތަކަކަށް ވާ ހިނދު، އެކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަދެގެން ނުވާނެ ކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.
ޝީންޖިއާންގް ޕްރޮވިންސްއަކީ، މުސްލިމުންގެ "ނަސްލެއް ދޮވެލުމުގެ" ލާއިންސާނީ ޖަރީމާ، ޗައިނާއިން ހިންގާ މައި މަރުކަޒު ކަމަށް ބައިނަލްއަގުވާމީ މުޖުތަމައު އިއްތިފާގުވާ މަންޒިލެކެވެ. ވީގޫރު މުސްލިމުންގެ އާބާދީ ނެތިކޮށްލުމަށް ޗައިނާއިން ހިފާފައި ވާ އަމާޒުގެ ދަށުން، ބޮޑެތި ޖަރީމާތަކެއް ޝީންޖިއާންގްގައި ހިންގާއިރު، އެ ހުރިހާ ތުހުމަތަކަށް ޗައިނާއިން އިންކާރު ކުރެއެވެ.
ކަން މިހެން އޮތް އިރު، ހޮންގްކޮންގްއިން މިނިވަން ކަމާއި ޑިމޮކްރަސީއަށް ކުރަމުން ދާ މަސައްކަތްތަށް ޗައިނާއިން ދަނީ ގާނުނީ އިމުގެ ތެރެއިން ހުރަސް އަޅާ، ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.