ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމާ ގުޅިގެން ޑޮކްޓަރުންނާއި ނަރުހުން ފާޅުކުރި ކަންބޮޑުވުމަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެން އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާ އައިޖިއެމްއެޗްގެ 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާ އެކު އިއްޔެ ރައީސަށް ޕެޓިޝަނެއް ހުށަހެޅިއެވެ. އެ މައްސަލާގައި ރައީސް ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކާ މިއަދު ބައްދަލުކުރައްވައިފައެވެ.
އެކަމާ ގުޅޭ ގޮތުން ބައެއް މީޑީއާތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕްރޮމޯޝަން ދިނުން މެދުކަނޑާލަން އެންގުމަކީ މިދިޔަ އަހަރު މާޗު މަހު ހިސާބުގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.
އެޕެޓީޝަން ރައީސް ސޯލިހަށް ހުށަހަޅާފައި ވަނީ އިއްޔެ މެންދުރު ހާއިރުއެވެ.
އެ ޕެޓިޝަން ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި، ކަށީގެ ހާއްސަ ޑރ. ޔޫސުފް ޝާން ވަނީ ސިއްހީ ހިދުމަތްތެރިންނަކީ އެހެން ވަޒީފާތަކުގައި މީހުން އަދާކުރާ މިންވަރަށް ވުރެ މާ ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރާ ބައެއް ކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން އެކަންކަމަށް ބެލުމެއްނެތި މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަކީ އެތައް ބައެއްގެ ހިތްވަރު އެލިގެން ދިޔުމަށް މަގުފަހިވެގެން ދިޔަ ކަމެއް ކަމަށް ޝާން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ކޮވިޑްގެ ތެރޭގައި އެންމެ ބުރަކޮށް މަސައްކަތްކުރި ބަޔަކަށް ޑޮކްޓަރުންނާއި ނަރުހުން ކަން ޝާން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ގެއްލުމުގައި ވެސް ގެއްލުން ކުރިމަތިވީ އެ މީހުންނަށް ކަމަށް ޝާން ވަނީ ވިދާޅުވެފައެވެ.