މާލެ ސިޓީ ކައުންސިލުން ކުނި މެނޭޖް ކުރާ ވެމްކޯއަށް ނުދައްކާ ހުރި ބިލްތަކުގެ ޖުމްލަ 30.5 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިހެން ބުނެފައި ވަނީ ރޭ މާލޭގެ މަގުމައްޗަށް ކުނި ނެރެފައިވާ މައްސަލައިގައި ސިޓީ ކައުންސިލުން ވެމްކޯއަށް ފައިސާ ދީގެން މާލެ ސަރަހައްދު ސާފު ކުރަން މަސައްކަތް ކުރާ އިރު އެ ކޯޕަރޭޝަނުން ޖެއްސުން ކުރަނީ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
މިއަދު ހަވީރު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ، އެކި ގޮތްގަޮތަށް ވެމްކޯއޭ ކިޔައިގެން ވާހަކަތައް ދެއްކަވާ އިރު، ވެމްކޯއިން މާލެ ސިޓީ ކައުންސިލާ އެކު ވެފައި ވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން މަސައްކަތް ކުރާ ކަމަށެވެ. މާލެ ސިޓީ މޭޔަރު ވިދާޅުވާ ވާހަކަތަކަށް ރައްދު ދެއްވުމަކީ މުނާސަބު ކަމެއް ނޫން ކަމަށާއި ޖަދަލު ކުރަން ބޭނުން ނުވާ ކަމަށް ވެސް އާދަމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން މިހާތަނަށް ވެމްކޯއިން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ ބިލްތަކުގެ ތެރެއިން ނުދެއްކި ހުރި ބިލްތަކަށް ވެސް މިހާތަނަށް 30.5 މިލިއަން ރުފިޔާ އަރާފައިވާ ކަަމަށް ވެމްކޯއިން ބުނެއެވެ. ޕެންޑަމިކް ގައި ރައްޔިތުންނަށް ވެސް އެތައް ލުއިތަކެއް ދީ ގިނަ މުއްދަތަށް ފައިސާ ނުދައްކާ ހުރި ގެތަކުން ވެސް މެދުކެނޑުމެއް ނެތި ކުނި ނަގައިދެމުން އައި ގޮތާ އެއްގޮތަށް ސިޓީ ކައުންސިލަށް ވެސް ހިދުމަތް ދީފައި ވާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ރައްދު ދީގެން ރައްޔިތުންނަށް ހިދުމަތް ދޭން ފަސޭހަ ނުވާނެ ކަމަށް ވެމްކޯއިން ގަބޫލު ކުރާ ކަމަށް ބުނެއެވެ. އެހެންކަމުން އޮންނަ އުސޫލުގެ މަތިން ނުދެއްކި ހުރި ފައިސާ ދެއްކުމަށް ވެސް ސިޓީ ކައުންސިލަށް ހަނދާން ކޮށް ދިނުމަށް ސީޓީ ފޮނުވާ ކަމަށް ވެމްކޯއިން ފާހަގަ ކުރެއެވެ. މީގެއިތުރުން ކައުންސިލުން އެކި ކަންކަމުގައި މަޝްވަރާ ކުރުމަށް ވާހަކަ ދައްކާ އިރު ވެސް ރައްދުގައި އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށާއި ސިތީ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއައްސަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ މާލޭގެ މަގުތަކުގައި ކުނި ހުރި މައްސަލައިގައި ސިޓީ ކައުންސިލުން ވަނީ އެ ކުނިތައް ނަގައިގެން ގެންގޮސް ވެމްކޯގެ ކުނި ސައިޓުގެ ދޮރު މައްޗަށް އަޅާފައެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ބުނެ އެކަމަށް މައާފަށް އެދިފައެެވެ.
ކުނިތައް ގިނަ ވެ މަގުމަތީގައި ހުރި މައްސަލައާ ގުޅިގެން ވެމްކޯއިން ބުނީ، އިއްޔެ ރޭ އިރާކޮޅުން ފެށިގެން ގޭގެއަށް ވަދެ ކުނި ނަގަން ފަށާފައިވާ އިރު މާލޭގެ މަގުތަކުގައި ޓްރެފިކްގެ ސަބަބުން ކުނި ނަނެގުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ. ހަމައެއާއެކު މާލެ ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން މާލޭގެ މަގުތަކުގައި ކުނި ނަގަން ފަސޭހަ ވާނެ ހެން ވެހިކަލް ބޭއްވޭނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް ވެސް އެދިފައި ވާނެ ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް އަދިވެސް އެކަންކަން ހަމަނުޖެހި ދާ ކަމަށް ވެމްކޯއިން ފާހަގަ ކުރެއެވެ.
ރޭ ކުނި ނެގުުމުގައި ދިމާވި ދަތިތައް ހައްލު ކުރުމަށް ވެމްކޯގައި ރަޖިސްޓާ ނުވާ ގެތަކުން ރަޖިސްޓާ ވުމުގެ ފަހު ފުރުސަތު މި މަހުގެ ނިޔަކަށް ވަނީ އިތުރުކޮށްފައެވެ. އަދި ގޭގެއަށް ރޭގަނޑު ކުނި ބަލާ ދާ ވަގަުތު ގޭގެއަށް ވަދެވޭނެ ގޮތް ހަމަޖެއްސުމަށާއި އެވަގުތަށް ކުނި ތައްޔާރު ކޮށްފައި ބެހެއްޓުމަށް ވެމްކޯއިން އެދިފައި ވެއެވެ. ކުނީގެ މައްސަލަ ހައްލު ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި މި ކަމަކީ ރައްޔިތުންގެ އެއްބާރުލުން ވެސް ނުހަނު ބޮޑަށް ބޭނުންވާ ކަންކަން ކަމަށް ވެމްކޯއިން ބުނެއެވެ.
ޑޮކުޓަރ މުއީޒުގެ ސަކާރުން ދަށްކާ ވާހަކަ އާއި އިބޫސާ ލިހުގެ ސަރުކާރުން ދަށްކާވާހަކާއި މުއީޒުގެ ބަހާއި އަމަލު ދިމާނުވާ ކަމަކީ ބޮޑުގޯހެއް
ފައިސާ ނުދައްކާ އޮތިއްޔާ ފައިސާ ހޯދަން މަސައްކަތް ކުރޭ އާންމުންނަށް ޖެއްސުން ނުކޮށް. ފީކަޅާ ވާހަކަ ނުދައްކާ ކަލޭމެނަށް ވާނުވާވެސް ނޭނގޭ. ސަރުކާރުގެ އޮފީސްތަކަށް މަސައްކަތް ކޮށްދީފަ ބިލް ނުފޮނުވާ އެބަހުރި ދެއަހަރުވީ އިރުވެސް