މާލޭ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން ކުނި ނެގުމަށް ރަޖިސްޓާ ނުވާ ގެތަކުން ރަޖިސްޓާ ވެވޭ މުއްދަތު މި މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ، އިއްޔެ އިން ފެށިގެން މާލެ ސަރަހައްދުގައި ގޭގެއަށް ވަދެ ވެމްކޯއިން ކުނި ނަގައިދެމުން ދާ އިރު ގިނަ ގޭބިސީތަކެއް އަދިވެސް ރަޖިސްޓާ ނުވެ ތިބި ކަމަށެވެ. އެހެންކަމުން ރަޖިސްޓާ ވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އިތުރު ކޮށްދީފައި ވާ ކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ މިހާރު މާލޭގެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓާ ނުވާ 10000 އާއި 15000 އާ ދެމެދުގެ ގޭބިސީ އެބަ ހުރި ކަމަށެވެ. މިހާރު ރަޖިސްޓާ ވެފައި ތިބީ 16000 ގޭބިސީ ކަމަށާއި އެ ގޭބިސީތަކުގެ ތެރެއިން ޕެންޑިން ބިލްތައް ނުދައްކާ ހުރީ 4000 ގޭބިސީ ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް 12000 އެއްހާ ގޭބިސީ އަކީ ތިން މަހަށް ވުރެ ގިނަ މަސްތަކަށް ބިލް ނުދައްކާ ހުރި ގޭބިސީތައް ކަމަށް ވެމްކޯއިން ބުނެއެވެ.

ގޭބިސީތަކުން ވެމްކޯއިން ނަގާ ކުންޏަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 59 މިލިއަނެއްހާ ރުފިޔާ ނުލިބި ހުރި ކަން ފާހަގަ ކުރަމުން ވެމްކޯއިން ބުނީ އެއީ ގާތްގަނޑަކަށް ބިލްތަކަށް ފައިސާ ނުދައްކާ ގޭބިސީތަކަށް ބަލާ ނަމަ 27 މަހުގެ ބިލްތައް ކަމަށެވެ. ފައިސާ ނުދައްކާ އޮތް ނަމަވެސް އަދި ވެސް ވެމްކޯއިން ދަނީ ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ކަަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް ބޭނުން ވަނީ ރަޖިސްޓާ ނުވާ ފަރާތްތައް ވީހާވެސް އަވަހަކަށް ރަޖިސްޓާ ވުމަށާއި ރަޖިސްޓާ ވެފައިވާ ގެތަކުން ފައިސާ ނުދައްކާ ހުރި ބިލްތައް ވީހާވެސް އަވަހަކަށް ހަލާސް ކުރުމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯ ކުނި އުކާ މީހެއް --

މާލޭގެ ގޭގެއިން އިއްޔެ އިން ފެށިގެން ކުނި ނަގަން ފަށާފައި ވަނީ ގޭބިސީތަކަށް ވަދެ ފްލޯތަކަށް އަރައިގެން ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. މި ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް ގިނަ ގެތަކުން ރޭ ވަނީ މާލޭގެ މަގުތަކަށް ކުނި ނެރެފައި ކަމަށް އެމްޑީ އާދަމް ވިދާޅުވިއެވެ. މީގެ ތެރޭގައި ކުނި ނަގަން ރަޖިސްޓާ ނުކުރާ ފަރާތްތަ ހިމެނޭ ކަމަށް ވެމްކޯއިން ބުނެއެވެ.

ރޭ ކުނި ނެގުމުގައި ދިމާވި ގޮން ޖެހުންތައް ހާމަ ކުރަމުން ވެމްކޯއިން ބުނީ އެންމެ ބޮޑު އެއް ދަތިކަމަކަށް ފާހަގަ ކުރެވުނީ ޓްރެފިކްގެ މައްސަލަ ކަމަށެވެ. ހަމައެއާއެކު ގޭބިސީތަކުން ކުނިނަގަން ދާ ވަގުތު ކުނި ތައްޔާރުކޮށްފައި ނެތުމުން ގިނަ އިރުވާ މައްސަލައާއި އަނެއްބައި ގެތަަކަށް ކުނި ނަގަން ވަނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެމްކޯއިން ބުނެއެވެ.

މި ދަތިތަކާ އެކު ރޭ ކުނި ނަގާ ނިންމާލެވުނު އިރު 60 ޕަސެންޓް ގެތަކުން ކުނި ނެގުނު ކަން ވެމްކޯއިން ފާހަގަ ކުރެއެވެ. ނަމަވެސް 40 ޕަސެންޓް ގއިން ކުނި ނުނެގި ހުރީ މި ދަތިތައް ކުރިމަތިވުމުގެ ސަބަބުން ކަމަށް ވެމްކޯއިން ފާހަގަ ކުރެއެވެ.

ވެމްކޯ އެމްޑީ އާދަމް ޝަރީފު

ވެމްކޯގައި ރަޖިސްޓާ ވެވޭ މުއްދަތު އިތުރުކޮށްފައިވާ އިރު، އޮންލައިންކޮށް ރަޖިސްޓާ ވުމުގެ ކަންކަން ހަމަޖައްސައި ރައްޔިތުންނަށް ވީހާވެސް ފަސޭހާ ކަމާއެކު ރަޖިސްޓާ ވުމުގެ ކަންކަން ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭގެ މަގުތަކަށް ކުނި ނެރެން ފަށަފައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ވެމްކޯގެ މުވައްޒަފުން ގޭގެއަށް ވަދެ ކޮންޓެކްޓް ވުން ކުޑަ ކުރުމަށެވެ. ނަމަވެސް މިހާރު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް މަދުވެ އާންމު ހާލަތަށް ރުޖޫއުވުމަށް ކުރެވޭ މަސައްކަތުގައި ވެމްކޯއިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ވަނީ ގޭގެއަށް ވަދެ ފްލޯތަކަށް އަރައިގެން ކުނި ނަގާ ގޮތަށް ހަމަޖައްސާފައެވެ.