މާލޭގެ ކުނިތައް ނެގުމުގެ ހިދުމަތްދޭ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮފީހުގެ ދޮރު ކުރިމައްޗަށް، ސިޓީ ކައުންސިލުގެ ލޮރީ އިން ކުނި އެޅުނީ "މިސްކޮމިއުނިކޭޝަން" އަކާ ހެދި ކަމަށާއި، އެހެންވެ އެ ކޯޕަރޭޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން ކައުންސިލުން މައާފަށް އެދެފިއެވެ.
ރޭ ދަންވަރު 12 އިން ފެށިގެން ވެމްކޯ އިން ވަނީ އެ ކޯޕަރޭޝަންގެ ކުނި އުކާލުމުގެ ހިދުމަތުގައި ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ކުނި ނެގުން ހުއްޓާލާފައެވެ. އެއާއެކު، އެ ކޯޕަރޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން ކުނި ކޮތަލުތައް ނަގާފައިވީ ނަމަވެސް، ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ހުރީ ކޮތަޅުތައް މަގުމައްޗަށް ނެރެފައެވެ.
އެހެންވެ ސިޓީ ކައުންސިލުން ވަނީ އެ ގޭބިސީތަކުން ކުނި ކޮތަޅުތައް މިއަދު ނަގަން ފަށައިފަ އެވެ. ނަމަވެސް ކައުންސިލުގެ ކުނި އުފުލާ ލޮރީ އިން ވަނީ ވެމްކޯ އޮފީހުގެ ދޮރު ކުރިމައްޗަށް އަޅާލައިފައެވެ. އެއާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިއުން ސިޓީ ކައުންސިލަށް އަމާޒުވެފައި ވެއެވެ.
އެހެންކަމުން ކައުންސިލުގެ އިދާރާގައި މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިކަން ހިނގައި ދިޔައީ ކުޑަ "މިސްކޮމިއުނިކޭޝަން" އެއްގެ ސަބަބުން ކަމަށާއި، ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން މާފަށް އެދޭކަމަށް ވިދާޅުވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސިޓީ ކައުންސިލުގެ ލޮރީގައި ހުރި ކުނިތައް އުކާލަން ދިއުމުން، ވެމްކޯގެ ކުނި ކޮތަޅު އުކާލާ ސަރަހައްދަށް ވަންނަން ހުއްދަ ނުލިބިގެން ނުވަދެވި އޮތުމުގެ ސަބަބުން، ލޮރީ ޑްރައިވަރާއި އެތަނުގެ ސުޕަވައިޒަރަކާއި ދެމެދު ހިނގި އޮޅުމެއްގެ ތެރެއިން ކަމަށާއި، އެ ހާދިސާގެ ހަބަރު ކައުންސިލަށް ލިބުމާ އެކު، ވެމްކޯގެ އިސްވެރިންނާއި ވާހަކަ ދެއްކުމަށްފަހު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
މިއާ އެކު، ސިޓީ ކައުންސިލުން ވެމްކޯ އާ އެކު ހަދާފައިވާ އެއްބަސްވުމުގެ މައުލޫމާތުތައް ތަކުރާރު ކުރައްވާ، ނަރީޝް ވިދާޅުވީ މާލޭގެ މަގުތައް ސާފުކޮށް ބެހެއްޓުމަށްޓަކައި ސިޓީ ކައުންސިލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ފަސް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މުހިންމީ ސާފުތާހިރު މަގުތަކެއްގެ ގޮތުގައި މި މަގުތައް (މާލޭގެ މަގުތައް) އޮތުން. ރައްޔިތުންނަށް ދުޅަހެޔޮކަން ލިބުން، ރައްޔިތުންނަށް ހައިޖިނިކް ދިރިއުޅުމެއް ދިނުމަށްޓަކައި އަންނަ އުނދަގޫތަކުން ރައްޔިތުން ސަލާމަތްކުރުން." ނަރީޝް ވިދާޅުވިއެވެ.