މުޅި ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް އަމާޒު ހިފާފައިވާ ޗައިނާއާ ކުރިމަތިލުމަށްޓަކާ، އެންމެ ޒަމާނީ ދިފާއީ ޓެކްނޮލޮޖީ ހިއްސާ ކުރުމާ ބެހޭ، ހާއްސަ ސަލާމަތީ އެއްބަސްވުމެއް، ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ގުނާލެވޭ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން އެކުލަވާލައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ނިއުކްލިއާ ހަކަތައިގެ ސަބްމެރީން އުފެއްދުމުގެ ފުރުސަތު، ފުރަތަމަ ފަހަރަށް، އޮސްޓްރޭލިއާއަށް ފަހި ވެގެން ދާނެއެވެ.

"އޯކުސް" ގެ ނަން ދީފައިވާ ހާއްސަ ސަލާމަތީ އެއްބަސްވުމަކީ، މަސްނޫއީ ތޫނުފިލިކަން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ އިތުރުން، ކުއަންޓަމް ޓެކްނޮލޮޖީއާއި ސައިބާގެ ދާއިރާވެސް ކަވަރު ކުރާ އެއްބަސްވުމެއް ކަމަށް މައުލުމާތު ލިބެއެވެ.

މި 3 ގައުމަކީވެސް އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާއިން އަތްގަދަ ކުރަމުން ދާ ދިއުމާ ގުޅިގެން، އިންތިހާއަށް ކަންބޮޑުވުންފާޅު ކުރާ 3 ގައުމެވެ. މި އެއްބަސްވުން އިފްތިތާހް ކުރިކަން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ދެއްވި، ގުޅިފައި ވާ ބަޔާނެއްގައެވެ.

އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާއިންވެސް ދޭތެރެ ދޭތެރެއިން، އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި، ތަމްރީނުގެ ނަމުގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އަދި އެ ގައުމުތަކުގެ އަސްކަރީ ފްލީޓްތައް، ޗައިނާ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ދުއްވާ ހަދައެވެ.