ކޮންމެ ހާލަތެއްގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ޑިމޮކްރަސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނާގައި ލިބިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެހާ އަސާސީ ހައްގުތަކަށް މި ސަރުކާރުން އަބަދުވެސް އިހްތިރާމްކޮށް، އެ ހައްގުތައް ލިބިދެވޭކަން ވެސް ކަށަވަރުކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ އެންމެހާ ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާ، މައުލޫމާތު އާންމު ކުރުމަކީ ވެސް، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދުވަހުގެ މަގްސަދުގެ މައްޗަށް އަލިއަޅުއްވާ ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ގައުމުތަކުގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާ އޮތް މިންވަރު ކަށަވަރު ކުރުން ކަމަށެވެ.

އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކޮށް، ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާ، ރައްޔިތުންގެ ރުހުމާ ބައިވެރިވުމާއެކު، ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ހައްގު ލިބިދިނުމަކީ ވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާއެކު ހުޅުވައިލާފައި އޮތުމާއެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފާ އޮންނަ މުއްދަތުތަކުގައި، އިންތިހާބުތައް ބާއްވާގެން ދައުލަތުގެ އިންތިހާބީ މަގާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ހިތާބު ނިންމަވާލައްވަވަމުން ރައީސް ވަނީ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަ ބައެއް ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު ރައްޔިތުންގެ ބާރާ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާ، ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާ ޒިންމާތަކަށް ވެސް އަހުލުވެރިވަމުން އަންނަ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތް ހިންގުމުގެ ދާއިރާއިން ބަސް ބުނުމަށް ލިބިފައިވާ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކާ، ރާއްޖޭގައި ގާއިމުވެފައި އޮތް ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާ ހަމަތައް، އެގޮތުގައި ނަގަހައްޓާ ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން އެމަނިކުފާނަށް ޔަގީންވާ ކަމަށް ވިދާޅުވިއެވެ.