ތ. ހިރިލަންދޫ ސްކޫލުގެ ބާ އިމާރާތުގެ ކްލާސްރޫމްތަކަށް ވާރޭވެހި ދަރިވަރުންނަށް ކިޔަވަން އުނދަގޫ ހާލަތަށް ގޮސްފައިވާ ކަމަށް ބުނެ ބެލެނިވެރިން މިއަދު އިހުތިޖާޖު ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ ވިއްސާރަވެއްޖެ ނަމަ، ބާ އިމާރާތުގެ ކްލާސްރޫމްތަކަށް ފެން ވިއްސާ ކްލާސްރޫމުގައި ފެންބޮޑުވެ ކިޔަވަން ގެންގުޅޭ ފޮތްތައް ވެސް ތެމޭ ކަމަށެވެ. އަދި މިއަދު ކުދިން އިންޓަވަލަށް ގެޔަށް ދިއުމުން ބެލެނިވެރިން ކުދިން ސްކޫލަށް ނުފޮނުވީ ކަމަށް ޖަލާލް ވަނީ ވިދާޅުވެފައެވެ.
ބެލެނިވެރިން މިއަދު ވަނީ އިހުތިޖާޖުކޮށް ސްކޫލް ގޭޓުގައި ތަޅުއަޅުވާފައެވެ. އެހެންނަމަވެސް މިހާރު އެ ތަޅު ނައްޓާފައި ވަ ކަމަށް ޖަލާލު ވަނީ ވިދާޅުވެފައެވެ.
ހިރިލަންދޫ ސްކޫލްގައި ގާތްގަނޑަކަށް 253 ކުދިން ކިޔަވަމުން އަންނައިރު ބާ އިމާރާތުގައި ހިމެނޭ 4 ކްލާސްރޫމް ބޭނުން ނުކޮށް ކިޔަވައިދެވެން ނެތްކަން ފާހަގަ ކުރައްވަމުން ޖަލާލު ވިދާޅުވީ އާ އިމާރާތެއް އެޅުމަށް ކޮންމެ އަހަރަކު ބަޖެޓް ކުރާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އަދި އިމާރާތް އެޅުމަށް އިއުލާނުކޮށް މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އަދި މި އަހަރު ފެށުނީންސުރެ އެޑިއުކޭޝަން މިނިސްޓްރީން ބުނަމުން އައީ އިމާރާތް އެޅުމަށް އިއުލާނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބާ އިމާރާތަށް 30 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށް ލަފާކޮށް ވާހަކަދައްކަވަމުން ޖަލާލު ވިދާޅުވީ ޖަލްސާއެއް އަދި އިތުރު ހަރަކާތެއް ހިންގިޔަސް މިހާރުވެސް ހިންގަން ޖެހޭނީ އެ އިމާރާތުގައި ކަމަށެވެ.
ޖަލާލް ވިިދާޅުވި ގޮތުގައި ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ދަނޑިވަޅުގައި ވެސް ހިރިލަންދޫ ސްކޫލަށް ވުރެ މާ ހާލަތު ރަނގަޅަށް ހުރި ސްކޫލުތަކުގައި އާ އިމާރާތް އެޅުމަށް މިނިސްޓްރީން ހަވާލުކުރަމުން ދިޔުމެވެ.
މިއަހަރު ކުރީ ކޮޅު ވެސް ބެލެނިވެރިން ވަނީ މިކަމުގެ ޝަކުވާ ކޮށްފައެވެ. އެހެންނަމަވެސް އާ އިމާރާތުގެ މަސައްކަތް އަވަސް ކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން އިން ދިނުމުން އިހުތިޖާޖު ނުކުރީ ކަމަށް ޖަލާލު ވިދާޅުވިއެވެ.
މި އިމާރާތުގެ ހާލަތު ދަށްވެ، ކުރިންސުރެ ވެސް ރަށުގެ ރައްޔިތުންނާއި ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ޖަލާލު ވިދާޅުވިއެވެ.
ޖަލާލު އިތުރަށް ވިދާޅުވީ އުއްމީދަކީ އާ އިމާރާތުގެ މަސައްކަތް އަވަހަށް ފެށިގެން ދިއުން ކަމަށެވެ.