އުމުރުން އެންމެ 8 އަހަރުން ފެށިގެން ރާއްޖޭގައި ކުޑަކުދިންވެސް ޑްރަގް ބޭނުން ކުރާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
އެކަން ހާމަކުރީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އިދާރީ ހިންގުން އިސްލާހުކޮށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް އެ މިނިސްޓްރީން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅި ހުށަހެޅުމުގައެވެ.
ހެލްތު މިނިސްޓްރީންް ހުށަހެޅި ޕްރެޒެންޓޭޝަނުގައިވާ ގޮތުން ޑްރަގުގެ މައްސަލައަކީ ރާއްޖޭގެ އެންމެ ބޮޑު މައްްސަލަ ނަމަވެސްް އެންމެ ފަހުންް މިކަމާ ގުޅޭ ރިޕޯޓެއް އެެކުލަވާލެވިފައި ވަނީ 2012 ވަނަަ އަހަރުގެ ތެރޭގައެވެ. އެ ރިޕޯޓަކީީ ނެޝަނަލްް ޑްރަގް ސާވޭ އިންް އެކުލަވާލި ރިޕޯޓެކެވެ. ހެލްތު މިނިސްޓްްރީން ބުނީ އޭރާ އަޅާ ބަލާއިރު މިހާރު ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.
މި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ 2014 ވަނަ އަހަރުގެ ތަފާސްް ހިސާބުތަކުންް ދައްކާ ގޮތުން މަސްތުވާތަކެތި ބޭނުންކުރަނީ 22 އަހަރާއި 37 އަހަރާއި ދެމެދުގެ މީހުން ކަމަށާއި އެހެން ނަމަވެސްް މިއަދު ބަދަލުވެ އުމުރުން އެންމެ 17 އަހަރުން ފެށިގެން 68 އަހަރާއި ދެމެދުގެ އުމުރުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މިއަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި މަސްތުވާތަކެތި އެތެރެ ކުރަމުންދާ ގައުމުތައް ވެސް ބަދަލު ވަމުން އަންނަ ކަން ސަފިއްޔާ ފާހަގަ ކުރެއްވިއެވެ. މި ގޮތުން މީގެ ކުރީގައި ބޮޑަށް ބޭނުން ކުރަނީ ފަތް ފަދަ ގުދުރަތީ ތަކެތި ކަމަށް ވިޔަސް މިހާރު ގިނައީ ކެމިކަލްގެ ބާވަތްތައް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ކުޑަކުދިން ގިނަަކަން ފާހަގަކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އުމުރުން 15 އަހަރާ 17 އަހަރާ ދެމެދުގެ ކުދިން ތިބި ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. ހެލްތު މިނިސްޓްރީންް ބުނީ، ބައެއް ފަހަރު އުމުރުން އެންމެ 8 އަހަރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައްވެސް ފެންމަތިވެފައި އެބަހުރި ކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި އޭގެ އިސް ފަރާތްތަކުން ކުޑަކުދިންނާއި ބިދޭސީން ބޭނުން ކުރަމުންދާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ސަފިއްޔާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް ރާއްޖޭގައި އިތުރުވެފައިވާއިރު މިފަދަ މައްސަލަތައް ހައްލުކޮށް މި ވަބާގައި ޖެެހޭ މީހުންްނަށް ފަރުވާ ދިނުމަށް ހުންނަ އެންްޑީއޭ ވަނީ މުޅި ސަރުކާރުގެވެސް އެންމެ ހާލަތު ގޯސް އިދާރާއަށް ވެގެންގޮސްްފައެވެ.
ފަރުވާގެ 2 މަރުހަލާ ނިންމާ، މުޖްތަމައުއަށް ދޫކޮށްލައިގެން ފުރިހަމަ ކުރާ ފަރުވާގެ މަރުހަލާ ނިމޭ އިރު އެމީހުން ތިބެނީ އަލުން ފަރުވާގެ މަރުހަލާ 1 އިން ފަށަން ޖެހިފައެވެ. އެކަން އެހެން ދިމާވަނީ ފަރުވާގެ މަރުހަލާތައް ނިންމަން މުޖްތަމައުއަށް ދޫކޮށްލާ މީހުންނާއި ފަރުވާއަށް ބޭނުންވެ ކިއުގައި ތިބޭ މީހުންނާއި ޖާގަ ނެތިގެން ނުގެންދެވިފައި ތިބޭ މީހުންނާ، އެމީހުން ދިމާވެ އެކުގައި އުޅެވޭގޮތް ދިމާވާތީއެވެ. ފަރުވާ ދޭ މަރުކަޒުތައް ފުރިފައި ވާއިރު މިހާރުވެސް ފަރުވާއަށް ބޭނުންވެގެން ކިއުގައި 500 އެތައް މީހަކު އެބަ ތިއްބެވެ.