ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ދެ އަހަރުގެ ތެރޭގައި ގާއިމު ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން ކަމަށާ ދިރިއުޅުމުގެ އަސާސީ ހުރިހާ ހިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން ކަމަށެވެ. އަދި ފައިސާގެ މުއާމަލާތްތަކާ، ގައުމުތަކަށް އެތެރެވެ ބޭރުވުމާ، ދަރިންނަށް ކިޔަވައިދިނުމާ، ބޭސްފަރުވާގެ ހިދުމަތްތައް ވެސް ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހޭ ކަމަށާ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ތައާރަފްކުރުމުން، ހިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑިޖިޓަލް އައިޑެންޓިޓީގެ ހިދުމަތް ތައާރަފްވެގެން އަންނައިރު، ގާނޫނީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަމަށް ދުރާލާ ހަލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރާ އިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭން ޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތުތައް ކަމަށެވެ. އަދި އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތްކޮށްދިނުމަކީ ވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ހިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކާ، ސައިބާ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދާ ކަމަށް ރައީސް ވިދާޅުވިއެވެ.