ޑިސްކަވަރީ ޗެނަލްގެ ރިއަލިޓީ ޝޯވް އިން ޓު ދަ ވައިލްޑް ވިތް ބެއާ ގްރީލްސް ސީޒަން 2ގެ ޝޫޓިންނަށް ބޮލީވުޑްގެ ބައެއް ސްޓާރުން ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ބެއާ ގްރީލްސް ސީޒަން 2ގެ ޝޫޓިންނަށް ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމަށްވާ އަޖޭ ދޭވްގަން އަދި ވިކީ ކޯޝަލް ވެސް ބައިވެރިވާނެ އެވެ. އެ ޝޯއެ ޝޫޓިން ކުރިއަށް ދިނުމަށް ހަމަޖެހިފައިވަނީ "ވ.އަތޮޅު ޝިޕް ވްރެކް" ސަރަހައްދުގައެވެ. އެއީ މިމަހު 17 ވާ ހުކުރު ދުވަހުއެވެ.

ވ އަތޮޅު ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް އެއިދާރާއިން ހުއްދަދީފައިވާ ކަމަށެވެ.

އެހެންކަމުން "ތ.އަތޮޅު ޝިޕް ވްރެކް" ސަރަހައްދު އެދުވަހު ބޭނުން ކުރުން އެހެން ފަރާތްތަކަށް މަނާކޮށްފައިވާ ކަމަށް ކައުންސިލް އިދާރާއިން ކުރި އިއުލާނުގައި ބުނެއެވެ. އަދި އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވ.އަތޮޅު ޕޮލިހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މިމަހު 17 ވަނަ ދުވަހު ޝޫޓިން އޮތް ނަމަވެސް އަޖޭ ވަނީ އޭނާގެ ފިރިހެން ދަރިފުޅު ޔޫގްގެ އުފަންދުވަސް ފާހަގަކުރުމަށް އިއްޔެ ރާއްޖެ އައިސްފައެވެ. އަޖޭ ޗުއްޓީ ހޭދަކުރަމުންދަނީ ސަން ސިޔާމް އޮޅުވެލިގައެވެ.