ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އަމާޒުކޮށް "ގަވް ޑޮޓް އެމްވީ މެސެޖު"ގެ ހިދުމަތް އިފްތިތާހު ކޮށްފިއެވެ.

އެހިދުމަތް އިފްތިތާހު ކުރެއްވީ އެންވާރަމަންޓް މިނިސްޓްރީގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު އިފްތިތާހު ކުރި ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ހިދުމަތެއް ކަމަށެވެ.

އަދި އެއީ ރައްޔިތުންނާ ސަރުކާރާ ދެމެދު، މިހާރަށް ވުރެ ހަލުވިކޮށް މުވާސަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވިދާޅުވީ އެ ހިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް އާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާ، ސަރުކާރުގެ ހިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާ ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން ކަމަށެވެ.

ކަމެއް ހުށަހެޅުމަށްޓަކައި އެއޮފީހަކަށް ދާން ނުޖެހުން. އޮފީސް ހުޅުވަންދެން އިންތިޒާރު ކުރަން ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޭގެ އިތުރުން، ކަމެއް ހުށަހެޅުމުން އެ ހުށަހެޅި ކަމަކާ މެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު އެ ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި ހިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސާވިސް ޗާޓަރުތައް އާންމުކުރެވޭނެ ކަމަށެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ގާއިމުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސާވިސް ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ. މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ރައްޔިތުންނާ ވީހާ ގާތުން، އަދި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމަކުން ހިދުމަތް ދިނުމަށް ސަރުކާރުން ހިންގާ އެފަދަ ކަންކަމުގެ ފައިދާ، އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބޭނެ ގޮތްތައް މެދުވެރިކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ގައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން މިންވަރު ކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.