ހުޅުމާލެ ޖަލުގައި ގައިދީއަކު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފިއެވެ.
ހުޅުމާލެ ޖަލުގައި މަރުވެފައިވަނީ ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމް 40(އ)އެވެ.
މިކަމާ ގުޅިގެން ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
އެ މައްސަލައިގައި ބުނެފައިވަނީ، ހުޅުމާލެ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަސްލަމްގެ މަރުގެ މައްސަލަ އާއިލާއަށް ނާންގަ ސިއްރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާ ކަމަށެވެ.
އެގޮތުން ހުޅުމާލޭ ޖަލުގައި އޭނަ ހުއްޓާ ބަލިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ހަވީރު 05:00 ވެފައިވާ ކަމަށް އެ މައްސަލާގައި ބުނެއެވެ. އެހެން ނަމަވެސް އެކަމުގެ މައުލޫމާތު އާއިލާއަށް ލިބިފައިވަނީ އެހެން މީހެއް އާއިލާއަށް ގުޅާފައި ބުނުމުން ކަމަށެވެ.
އޭގެ އިތުރުން އާއިލާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނާ ސުވާލު ކުރުމުން އަސްލަމަށް ފަރުވާދެމުންދާ ކަމަށް ބުނެފައިވާ ކަމަށާއި، އޭގެ ފަހުން އެތައް އިރެއްވީއިރު ވެސް މައުލޫމާތެއް ނުލިބިގެން ގަދަކަމުން އަސްލަމް ހޮސްޕިޓަލުގައި ބާއްވާފާ އޮތް ކޮޓަރިއަށް ވަތްއިރު އޭނާ މަރުވެފައި އެތައް އިރެއް ވެފައިވާކަމަށް އާއިލާއަށް އެނގިފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އެމައްސަލާއާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގައި ފިޔަވަޅު އެޅުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލާފައެވެ.
އަސްލަމް ރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާ އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ރޭ 20:23 ގައި މަރުވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނީ އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި މަރުއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށެވެ.