ސިވިލް ސާވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ފަންނީ ވަޒީފާތައް އަދާކުރާ ފަރާތްތަކަށް، އެ ފަރާތްތައް ކުރަމުންދާ މަސައްކަތްތަކަށް ރިއާޔަތްކޮށް ދެވޭ ކުރިއެރުންތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލުން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ކުށްވެރި ކޮށްފިއެވެ.

އެ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން މިމަހުގެ ފަސްވަނަ ދުވަހު ނިންމި ނިންމުން ބަލައިނުގަނެވޭނެ ކަމަށާއި އެ ނިންމުމުގެ ސަބަބުން މަސައްކަތްތެރިންނަށް ވަޒީފާގައި ކުރިއެރުން ލިބުމަށް ހުރަސް އެޅިގެން ދާނެ ކަމަށެވެ.

ސިއްހީ ފަންނުވެރިންގެ ޖަމިއްޔާއިން އިތުރަށް ބުނީ ވަޒީފާ އަދާކުރާ ފަރާތްތަކަށް، އެ ފަރާތްތައް ނަގާ ޒިންމާއާއި އެއްވަރަށް މުސާރަ ލިބެން ޖެހޭނެ ކަމަށާއި، އެ މުސާރައަކީ އާއިލާ އާއި އެކު އުޅެވޭނެ މުސާރައެއްގެ ގޮތުގައި ވާން ޖެހޭއިރު، ވަޒީފާ އާއި ބެހޭ އޮނިގަނޑެއް އޮންނަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން 23 ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލެވިފައި ނެތުމުގެ ސަބަބުން، އެ ފަރާތްތަކަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރުކޮށް، ހިތްވަރު އެލިގެންދާ ކަމަށް، އެ ޖަމިއްޔާއިން ބުންޏެވެ. އަދި ވަޒީފާގެ އޮނިގަނޑެއް ނެތުމުގެ ސަބަބުން، ކިޔަވައިގެން ތިބި މުވައްޒަފުންނަށް ކުރި އެރުން ނުލިބި ގިނަދުވަސްވެފައި ވާކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ވަޒީފާގެ އޮނިގަނޑެއް ނެތުމުން، މަތީ ޑިގްރީއަކަށް ކިޔެވުމުންވެސް، ވަޒީފާގެ ކުރިއެރުން ނުލިބި، 15 އަހަރު ވެފައިވާ މުވައްޒަފުން ތިބިކަން ވަރަށް ހިތާމަ އާއި އެކު ފާހަގަ ކުރަން
އެމްއެޗްޕީޔޫ

އެ މައްސަލާގައި ސީއެސްސީ އާއި ހެލްތު މިނިސްޓްރީ އަދި ޕޭ ކޮމިޝަނާއި އެކު ބައްދަލުވުންތައް ބޭއްވުނު ނަމަވެސް، އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް ސިއްހީ ފަންނުވެރިންގެ ޖަމިއްޔާއިން ބުންޏެވެ. އަދި މި ފިޔަވަޅު އަޅާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ކަމުގައި ވިޔަސް، ސަރުކާރުން އަމަލުކުރަނީ ތަފާތުކޮށް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޔާސީ މަގާމުތައް އުފެއްދުމާއި، އަދި އެފަދަ މަގާމުތަކުގެ މުސާރަތައް ބޮޑުކުރުމުގައި އިގުތިސޯދީ ހާލަތަށް ރިއާޔަތް ކުރެވެމުން ނުދާކަން ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ ހާލަތާއި ނުބައްދަލު އެހެނިހެން އެތަކެއް ހަރަދުތަކެއް ކުރަމުންދާއިރު، ހިދުމަތްތެރި އަދި އަގުހުރި މަސައްކަތްތެރިންގެ އަސާސީ ހައްގުތަކުން މަހްރޫމް ކުރުމަކީ މިޔޫނިއަންގެ މެންބަރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ އާއި ކުރިއެރުން ދިނުމަށާއި، އޮނިގަނޑެއް ނެތި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އޮނިގަނޑުތައް ތަންފީޒުކޮށް، އެ ފަރާތްތަކުގެ ހައްގުތަކަށް ރައްކާތެރިވުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.