ވައްްކަން ކުރި މީހަކަށް އަނިޔާކުރި ފުލުހުންތަކަކަށް ދައުވާކުރަން އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީއަށް ހުށަހެޅި މި މައްސަލައަކީ ލ. ކަލައިދޫ މޫނިމާގެއިން ސެޕްޓެމްބަރު 6، 2020 ގައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ ރަށު ސްވީޓްހާޓްގޭ އަހުމަދު ސިރާޖް ހައްޔަރު ކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާއަށް އެކި ވަރުގެ އަނިޔާކުރި މައްސަލައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި 241 ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓް ތަޅުމަށް އިއްވަވައިދެއްވަމުން ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން އެ ރަށަށް ތަހުގީގު ޓީމެއް ފޮނުވައިގެން މައްސަލަ ތަހުގީގު ކުރި ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް ވިދާޅުވި ގޮތުގައި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން އެ ކަމަށް އިންކާރު ކުރި ނަމަވެސް ސިރާޖަށް ލިބިފައިވާ އަނިޔާތަކަކީ އިސްދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔަ ފަހުން ލިބުނު އަނިޔާތަކެއް ކަން ފުލުހުން ފާހަގަ ކުރާ ކަމަށެވެ.

އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލާގައި ހިމެނޭ ތިން ފުލުހުންނާ މެދު އަމަލު ކުރި ގޮތަކީ އަށް މަސް ވަން ދެން ކައިރިން ސުޕަވައިޒް ކުރުމާއި ދެ ފުލުހެއްގެ ގާބިލްކަން އިތުރުވާފަދަ ހާއްސަ ކައުންސިލިންއެއް ދިނުމަށެވެ.

އެކަމަކު މީހަކަށް އަނިޔާ ކުރުމަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާ ކުރުމަކީ އިދާރީ ފިޔަވަޅެއް އަޅައިގެން ނިންމާލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަނިޔާކުރި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވުމަށް ފުލުހުންގެ މުއައްސަސާގައި އެދެން ކޮމިޓީން ނިންމިއިރު، ބަންދުގައި ތިބޭ މީހުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމާއި އެ ފަރާތްތަކާ މެދު އަމަލުކުރަމުންދާ ގޮތް ކައިރިން ބެލޭނެ ފަދަ އިންތިޒާމްތައް ހަމަޖައްސާފައި ބެހެއްޓުމަށް ލަފާ ދީފައިވެއެވެ.