އއ. ހިމަންދޫއަށް އާ ޖެނެރޭޓަރު ސެޓެއް ގެންގޮސްފިއެވެ.

ސްޓެލްކޯ އިން ބުނީ އެރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެން، ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336kW ގެ މުޅިން އައު ޖަނަރޭޓަރު ސެޓެއް އެރަށަށް މިހާރުގެންދެވިފައިވާ ކަމަށެވެ.

މި ޖަނަރޭޓަރު ސެޓް ބޭނުން ކުރަން ފެށުމާއެކު ހިމަންދޫއަށް އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު ސްޓެލްކޯއިން ވަނީ މުޅިން އާ އިންޖީނުގެއެއް އެތަނުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައެވެ. ހިމަންދޫ އާ އިންޖީނު ގޭގެ ބިންގާ އެޅީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

ކަސްޓަމާ ސާވިސް އިމާރާތަކާއެކު އަޅާ މި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކުގައެވެ.

މީގެ އިތުރުން އެ އިންޖީނުގެއަކީ ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރާނެއެވެ. އަދި މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހަދާނެ ކަމަށް މީގެ ކުރިން އެ ކުންފުނިން ވަނީ ބުނެފައެވެ.