ޑާކް ސާކަލް ނުވަތަ ލޯ ކައިރި ކަޅުވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން މީހާގެ މޫނުމަތިން ތާޒާކަން ގެއްލި އުމުރަށް ވުރެ މުސްކުޅި ކަމަށް ދައްކައެވެ. އާންމު ދިރިއުޅުމުގައި އުޅެން ޖެހޭ ހަލޮބޮލިކަމުގެ ސަބަބުން ހަށިގަނޑަށް ލިބެން ޖެހޭ އަރާމު ނުލިބުމަކީ ލޯ ކައިރި ކަޅުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
މިކަމަށް ފަރުވާ ހޯދުމަށް ސެލޫން އަކަށް ނުވަތަ ސްޕާ އަކަށް ދިއުމުގެ ބޭނުމެއް ނެތެވެ. ގޭގަައި އާންމުކޮށް ބޭނުން ކުރާ އެއްޗެހިންވެސް ހައްލު ކުރެވިދާނެއެވެ. ތިރީގައި މިވަނީ ލޯ ކައިރި ރީތި ކޮށްލަން ގޭގައި ކުރެވިދާނެ ފަސް ކަމެކެވެ.
ގަނޑުފެން ބޭނުން ކުރުން
ގަނޑުފެން ނުވަތަ ކޯލްޑް ކޮމްޕްރެސަކީ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ލޯ ކައިރި ކަޅުވެފައި ހުންނަ ހިސާބުގައި ގަނޑުފެން އެޅުމުން މޫނުމަތި ތާޒާވެ ލޯކައިރި އަލިވާނެއެވެ. މީގެ އިތުރުން ފޭސްމާސްކު ކުޑަ އިރުކޮޅަކަށް އައިސް ކުރުމަށް ފަހު އެޅުމުންވެސް މޫނު ވަރަށް ރީތިވެއެވެ.
ކިއުކަންބާާއާއި ލުނބޯފަނި
ކިއުކަންބާއާއި ލުނބަލަކީ ޒަމާނުއްސުރެ ހަންގަނޑު ރީތިކުރުމަށް ބޭނުން ކުރާ ދެބާވަތެވެ. މި ދެ ބާވަތް އެއްވަރަކަށް އެއްކޮށްލުމަށް ފަހު ކަފަކޮޅަކުން ކަޅުވެފައިވާ ބައިގައި ހާކާލާނީއެވެ. އަދި 15 މިނެޓު މަޑުކޮށްލުމަށް ފަހު ތާފެނާ ފެނުން ދޮވެލާނީއެވެ.
ޓޮމާޓޯ
ޓޮމާޓޯ އަކީ ހަންގަނޑަށް ވަރަށް ފައިދާހުރި މާއްދާއެއް ކަމަށްވާ ލިކޮޕީން އެކުލެވޭ މޭވާއެކެވެ. ޓޮމާޓޯއާއި ލުނބޯހުތް އެއްވަރަކަށް އެއްކުރުމަށް ފަހު ކަފަކޮޅަކުން ލޯ ކައިރީގައި ހާކާލުމަށް ފަހު 10 މިނެޓު ފަހުން ދޮވެލާނީއެވެ. ދުވާލަކު ދެފަހަރު މި ބޭނުންކުރުމުން އަވަސް ނަތީޖާއެއް ފެންނާނެއެވެ.
ކާށި ތެޔޮ
ކާށި ތެލަކީ ހަންގަނޑަށް ދިމާވާ އެކިއެކި ކަންކަން ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ރަނގަޅު އެއްޗެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ލޯ ކައިރީގައި ކާށި ތެޔޮ ހާކާލާފައި ހެނދުނު ހޭލާފައި ދޮވެލުމުން މޫނުމަތި ވަރަށް ތާޒާވާނެއެވެ.
ރީނދޫ
ރީނދުލަކީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާއެއް ހިމެނޭ އެއްޗެކެވެ. ރީނދުލާއި އަލަނާސިފަނިން އޮލަ ޕޭސްޓެއް ހެދުމަށް ފަހު ލޯ ކައިރީގައި ހާކާލާފައި 10 މިނެޓު ފަހުން ތެއް ފޮތިކޮޅަކުން ފޮހެލާށެވެ. ދުވާލަކު އެއްފަހަރު ބޭނުންކުރުމުން ކުޑަ މުއްދަތެއްގެ ތެރޭގައި ލޯ ކައިރި އަލިވާނެއެވެ.
މަތީގައި މިވާ ކަންތައްތަކަކީ ޖީބުން މާބޮޑު ޙަރަދުތަކެއް ނުގޮސް، ފަސޭހަކަމާއެކު ގޭގައި ތިބެގެން ލޯކައިރި ކަޅުވުން ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތަކެވެ. އަދި ގަވާއިދުން މި ކަންތައް ކުރާނަމަ ވަރަށް އަވަހަށް ނަތީޖާވެސް ފެންނާނެއެވެ.