މިދިޔަ 2020 ވަނަ އަހަރަކީ، ތިމާވެއްޓާއި ބިމުގެ ހައްގުގައި މަސައްކަތް ކުރަމުން ދިޔަ އެކްޓިވިސްޓުންގެ ތެރެއިން ރެކޯޑް އަދަދެއްގެ ބަޔަކު މަރާލެވުނު އަހަރެއް ކަމަށް، ދާދި ފަހުން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

ކެމްޕޭން ގްރޫޕު، ގްލޯބަލް ވިޓްނަސްއިން އާންމު ކޮށްފައި ވާ ރިޕޯޓް ބުނާ ގޮތުގައި، 2020 ވަނަ އަހަރުގެ ތެރޭގައި، ތިމާވެއްޓާއި ބިމުގެ ހައްގުގައި މަސައްކަތް ކުރަމުން ދިޔަ 227 އެކްޓިވިސްޓަކު ވަނީ މަރާލާފައެވެ. މީގެ ތެރެއިން 3 ބައިކުޅަ 1 ބައިހާ ކޭސްތައް ގުޅެނީ، ވަސީލަތްތަކުން ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންކަމުގައި މަޝްހޫލުވި މީހުންގެ ޝިކާރައަކަށް ވީ ކޭސްތަކެވެ.

މަރާލެވުނު އެކްޓިވިސްޓުންނަށް "ތިމާވެށީގެ ޑިފެންޑަރުން"ގެ ނަމުން ރިޕޯޓް ގައި މުހާތަބު ކޮށްފައި ވާއިރު، އެއީ ޖަންގަލިތަކާ، ފެނުގެ ސަޕްލައިއާއި ކަނޑުތައް ފަދަ ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރަން ގޮވާލަމުން ދިޔަ އެކްޓިވިސްޓުން ކަން ފާހަގަ ކުރަންޖެހެއެވެ.

ގްލޯބަލް ވިޓްނަސްއިން ބުނާ ގޮތުގައި، 2015 ވަނަ އަހަރު، މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ޕެރިސް އެގްރީމަންޓްގައި ސޮއި ކުރި ފަހުން، އެވަރޭޖުކޮށް، ހަފުތާއަކު 4 ވަރަކަށް އެކްޓިވިސްޓުންގެ ފުރާނަ ދުއްވާލާ ކަމަށެވެ.

ތިމާވެއްޓާއި ބިމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނަށް މަރުގެ ހަމަލާތައް ދެމުން ދާއިރު، އެންމެ ގިނަ ކޭސްތަކެއް ގުޅިފައި ވަނީ ލަކުޑީގެ ބޭނުމަށް ގަސް ކެނޑުމުގެ ސިނާއަތާ ކަމަށް މައުލޫމާތު ލިބެއެވެ. މި ސިނާއަތާ ގުޅިފައިވާ މަރުގެ 23 ކޭހެއް ވަނީ ފާހަގަ ކޮށްފައެވެ.

ގްލޯބަލް ވިޓްނަސްގެ ކެމްޕޭނަރެއް ކަމަށް ވާ ކްރިސް މެޑަން ވަނީ، ވެށީގެ ޑިފެންޑަރުންނަށް ހިމާޔަތް ދިނުމަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ. އަދި ކުންފުނިތަކުންވެސް މާލީ ފައިދާގެ ބަދަލުގައި އިންސާނުންނާއި ދުނިޔޭގެ ދެމި އޮތުން އިސްކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.