ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފަށާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީގޮތުން އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ މިކެންޕެއިން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީ ގޮތުން އަތް ޖައްސަވާލައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ކެމްޕޭންގެ ދެ ޝިއާރު ކަމަށްވާ "މަގޭ މަހަލްދީފް" އަދި "ތިންވަނަ ފަހަރު" ވެސް އިފްތިތާހުކޮށްފައެވެ.

މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއްވެސް ތައާރަފްކޮށްފައިވެއެވެ. ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ

ސާފް ޗެމްޕިއަންޝިޕްގެ ޕާޓްނަރުންގެ ގޮތުގައި ދިރާގާއި އެސްޓީއޯ އަދި އެލައިޑް އިންޝުއަރެންސްއާއެކު ވަނީ ސޮއިވެސް ކޮށްފައެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. އަދި ދެވަނަ ފަހަރު އެ މުބާރާތް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1 އިން ފެށިގެން އެމަހުގެ 16 ގެ ނިޔަލަށެވެ. މިއީ އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.