އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ދޮގުކުރައްވައިފިއެވެ.
އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ސައްހަ ލިސްޓު ފެށެނީ މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލާ ހަމައިން ކަމަށާއި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އޭނާއަށްވެސް އޮޅިވަޑައިނުގަންނަވާ ކަމަށެވެ. އަލީވަހީދު އިޝާރާތް ކުރައްވާ ލިސްޓަކީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ލިސްޓެވެ. އަދި ރެހެންދި ފްލެޓަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ފްލެޓެއް ކަމާއި އެ ފްލެޓުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ކަޅު ދަބަސް (ފައިސާ ދަބަސް) ގެންދިޔަ ކަމުގެ ތުހުމަތު އޮތީ ކުރެވިފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ހެކި ހުރި ކަމަށް ބުނާ ފޯނުތަކާއި ލެޕްޓޮޕް އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ ވެސް އޭނާއެވެ. އިނގިރޭސި ތަހުގީގު ޓީމަށް ލިބުނު ފޯނުތަކުގެ ތެރޭގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ފޯން ހިމެނޭ ކަމަށް ބުނެއެވެ.
މި ކަމާ ގުޅިގެން ޕީޖީން ބުނީ އެ ޓްވީޓްގައި ބުނަން އުޅެފައި އޮތް ކަމަށް ބެލެވޭ ވާހަކައަކީ ތެދެއް ނޫން ކަމަށާއި މައްސަލަތަކުގައި ދައުވާ ލިބޭ މީހުން ކުރާ އެފަދަ ތުހުމަތުތަކާ ގުޅިގެން އެ އޮފީހުން ރަސްމީކޮށް ކޮމެންޓް ކޮށް ނޫޅޭ ކަމަށެވެ.
މީގެ އިތުރުން، އަލީ ވަހީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އަމާޒުކޮށް، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެން ގެ ޗެއާޕާސަންކަން ކުރެއްވިކަން ހަނދާން ނެތް މީހަކށް އަލީ ވަހީދު ވެސް އޮޅިދާނެ ކަމަށް ވިދާޅުވެފައެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގަތް ފަހުން އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށާއި، އެހެންނަމަވެސް އެ ޕާސްޕޯޓަކީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައި ވެއެވެ.