ދައުލަތުން އެދުނީ ކެންސަލްކޮށްފައި އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފަހައްޓަން ކަމަށް ހައި ކޯޓުން މިއަދު ބުނެފިއެވެ.

އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކެއް ކްރިމިނަލް ކޯޓަށް ވައްދާފައި ވަނިކޮށް އެ ކޯޓުން އަލީ ވަހީދު ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދިނުމާއެކު އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުއެވެ.

މި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކުރަން ދައުލަތުން އެދުނީ މާ ކުރިން ވެސް ކެންސަލްކޮށްފައި އޮތް ޕާސްޕޯޓަކަށް ވާތީ އެ އަމުރު ނެރުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އަދި އެހެން ޕާސްޕޯޓެއް ކެންސަލް ކުރަން ބޭނުންވާނަމަ ދައުލަތަށް ޖެހޭނީ އެ ގޮތުގެ މަތިން ހުށަހަޅަން ކަމަށް އެ ދެ ފަނޑިޔާރުން ފާހަަގަ ކުރައްވައެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު އަބްދުﷲ ހަމީދުއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އަލީ ވަހީދުގެ ޕާސްޕޯސްޓް ކެންސަލް ކުރެވެން ނެތް ކަމުގައި ކަނޑައެޅުއްވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި އެ ކަމަށް ތާއީދު ކުރައްވައިގެންނެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވާ ގޮތުން އެހެން ޕާސްޕޯޓެއް ހިފަހައްޓަން ބޭނުންނަމަ ދައުލަތަށް ޖެހޭނީ އެ ކަމެއް ހުށަހަޅަން ކަމަށެވެ.

ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ދައުލަތުން ހުށަހެޅި ލިޔުމުގައި މާ ކުރިން ވެސް ކެންސަލް ކޮށްފައިވާ އަލީ ވަހީދުގެ ޑޮމެސްޓިކް ޕާސްޕޯޓުގެ ނަންބަރު އޮތް ނަމަވެސް އޭގައި އަލީ ވަހީދުގެ ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އެދިފައި އޮތުމުން އަލީ ވަހީދަށް ރާއްޖެއިން ދޫކުރެވިފައި ވާ އެހެން ޕާސްޕޯޓެއް އޮތްނަމަ އެ ޕާސްޕޯޓެއް ހިފަހައްޓަން ހައި ކޯޓުން އަމުރެއް ނެރެވިދާނެ ކަމުގައެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ ވަނީ ޔޫކޭއިން ހައްޔަރުކޮށްފައެވެ.

އެހެންނަމަވެސް މިއަދު އަލީ ވަހީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ފާޑުވިދާޅުވެ ޓްވީޓެއް ވެސް ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ވެސް އޭނާ މިއަދު ޓްވީޓެއް ކުރެއްވިއެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.