މީގެ 20 އަހަރު ކުރިން، ސެޕްޓެމްބަރު މަހެއްގެ 11 ވަނަ އަށް ވީ ދުވަހު، އެމެރިކާއަށް އަމާޒު ކޮށްގެން ދިން ޓެރަރިސްޓް ހަމަލާގެ ހަނދާން އާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖެހި ހިތްދަތި ޕޯސްޓްތަކުން މުޅި ސޯޝަލް މީޑިއާ ފީޑުހެން ވަނީ ފުރާލާފައެވެ.
ކަމާ ނުވެސް ބެހޭ އެތައް ބަޔަކު އެ ދުވަހުގެ "ހިތާމަ" ކުރަމުން ދާ ކަން ބަޔާންކޮށް އެކި މެސެޖުތައް ދެމުން ދިޔައިރު، މި ދުވަހަކީ، ޔާސީން އެމް އާރިފަށް އިންތިހާއަށް ހިތްދަތި ދުވަހެކެވެ. މި ދުވަސް ވެފައި ވަނީ، އޭނާގެ ހަޔާތުން ގެއްލިދިޔަ 15 އަހަރުގެ ހިތްދަތި ހަނދާންތަކާ ގުޅިފައި ވާ ދުވަހެކެވެ. އެ ދުވަސްތަކަކީ، އެމެރިކާގެ ޖަލުތަކުގައި އޭނާ ގުނި، ހިތްދަތި، އަދި ބިރުވެރި ދުވަސްތަކެކެވެ.
އާރިފް، 51، އަކީ، ނިއުޔޯކް ސްޓޭޓްގެ ވެރިކަން ކުރާ އެލްބޭނީގެ މަސްޖިދު އައް-ސަލާމްގެ ވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރަމުން ދިޔަ ކުރުދީއެވެ. އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ހިންގި ޖާސޫސީ އޮޕަރޭޝަނެއްގައި، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހައްޔަރު ކުރީ 2004 ވަނަ އަހަރުއެވެ. އޭނާއަށް އަމާޒު ކުރި ތުހުމަތަކީ "ޓެރަރިޒަމަށް" ހިތްވަރު ދިނުމެވެ. ތުހުމަތު ބިނާ ކުރީ "ސިއްރު" ހެކިތަކެއްގެ މައްޗަށެވެ.
އެމެރިކާގެ މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޔޫނިއަންއާއި، 9/11 އާގުޅިގެން އެކުލަވާލި ކައުންޓާޓެރަރިޒަމާ ދެކޮޅު ސިޔާސަތުތަކަށް ފާޑުކިއާ ގިނަ ބައެއްގެ ފަރާތުން، މި ކަމަށް ފާޑުކިއުން އަމާޒުވިއެވެ.
3000 އެއްހާ މީހުންގެ ފުރާނަ ގެއްލިދޔަ ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހުގެ ހާދިސާއަށްފަހު، އާރިފް ދިރިއުޅެމުން އަންނަނީ، އިސްލާމް ދީނާ ދެކޮޅު ފުރައްސާރަ ކުރުންތަކާ، ނަފްރަތުގެ ޝިކާރައެއްގެ ގޮތުގައެވެ. މި ކަންކަމީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ޒައާމަތުގައި، އަފްގާނިސްތާނާއި އިރާގު ހިފަންވެސް ބޭނުން ކުރެއްވި އުޒުރެވެ.
ބަންދުން މިނިވަންވެ، އިރާގުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދަކަށް އާރިފް ޑީޕޯޓް ކޮށްލީ 2019 ވަނަ އަހަރުއެވެ. ޝަމްޝަމާލް ޑިސްޓްރިކްޓްގައި މިހާރު އާރިފް ދިރިއުޅެމުން ދަނީ އޭނާގެ އަންހެނުން، ޒުހޫރާއެކުގައެވެ.
ޖުލައި ވަނަ ދުވަހު، އާރިފް ވަނީ އެމެރިކާގެ ގައިދީއެއްގެ ގޮތުގައި އޭނާ ކުރި ތަޖުރިބާގެ މައްޗަށް ބިނާ ކޮށް ލިޔެފައި ވާ، 1000 ސޮފުހާގެ ހާޔާތުގެ ނާމާއެއްވެސް ޝާއިއު ކޮށްފައެވެ. މި ފޮތަކީ، 2008 ވަނަ އަހަރު އެމެރިކާގައި ޝާއިއު ކުރި "ސަން އޮފް މައުންޓަންސް"ގެ ކުރުދީ ތަރުޖަމާއެކެވެ.
"އަހަރެން ހައްޔަރު ކުރިއިރު، އުމުރަކީ 34. ޖަލުން މިނިވަންވީ 49 އަހަރުގަ. ޖަލުގައި އެ ހޭދަވީ 15 އަހަރަކީ، ހަޔާތަށް ކުރި ފޮނި އުއްމީދުތައް އަހަރެންނާ ވަކިވެދިޔަ ދުވަސްތަކެއް. ޕީއެޗްޑީ ހާސިލުކޮށް، މާލީ ގޮތުން ހަރުދަނާ މީހަކަށް ވާން އަހަރެން ދެކެމުން އައި ހުވަފެންތައް، އަހަރެންނާ ވަކިވެދިޔަ ދުވަސްވަރެއް" އާރިފް ބުންޏެވެ.
ނިއުޔޯކް ސްޓޭޓްގެ މަސްޖިދު އައް-ސަލާމްގެ ވެރިއެއްގެ ގޮތުގައި އާރިފަށް ވަޒީފާ ހަމަޖެހުނީ، އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރިތާ އަހަރު ދުވަސް ފަހުންނެވެ. އޭނާ ވަނީ، 2003 ވަނަ އަހަރު، އެމެރިކާއިން އިރާގަށް ކުރަމުން ދިޔަ ހަނގުރާމަ އާ ދެކޮޅަށް ހިންގި ކެމްޕޭންތަކުގައި ހަރަކާތްތެރި ދައުރެއް އަދާ ކޮށްފައެވެ.
"އެފްބީއައިއިން އަހަރެންނާ ދެކޮޅަށް ހެކި އުފައްދައިގެން ދައުވާ އުފުލީ... ކޯޓު މަރުހަލާ ކުރިއަށް ދިޔައިރު، ހަގީގީ އެއްވެސް ހެއްކެއް ނެތް، އަހަރެންނާ ދެކޮޅަކަށް. އަހަރެންގެ ސިޔާސީ ފިކުރަށް ބަލައިގެން، އަހަރެން ހައްޔަރު ކުރުމުގެ ބާރެއް، އެމެރިކާގެ ޖާސޫސީ އިދާރާއަކަށް ލިބިގެންނެއް ނުވޭ، ނޫނީ މަދަނީ ހަރަކާތްތަކުގައި ބައިވެރިވިއެއްޔޭ ކިއާފަވެސް ހައްޔަރެއް ނުކުރެވޭނެ. އެހެންވެސް، އެފްބީއައިއިން ހެކިތަކެއް އުފެއްދީ" އާރިފް ބުންޏެވެ.
ޖޫން 2003 ގައި އެމެރިކާގެ އަސްކަރިއްޔާއިން އިރާގުގައި ހިންގި އޮޕަރޭޝަނެއްގައި، އަދުއްވުންގެ ކޭމްޕަކުން ފެނުނު ނޯޓު ފޮތެއްގައި އާރިފްގެ އެމެރިކާ އެޑްރެހާއި އޭނާގެ ނަން އަދި ފޯނު ނަމްބަރު ލިޔެފައި ވާތީ ފެނުނެވެ. އެފްބީއައިއިން ތަހުގީގު ފެށީ އެހާ ހިސާބުންނެވެ.
"އެފްބީއައި ފުރަތަމަ ބުނީ، ނޯޓު ފޮތުގައި، އަހަރެންގެ ނަމާ ޖެހިގެން 'ކޮމާންޑަރު' މިހެން ލިޔެފައި ވާ ކަމަށް. އެކަމަކު އަހަރެން އެކަމަށް އިންކާރު ކުރިން. އަދި އެ ނޯޓުފޮތް ހުށަހެޅުމަށް، ފަނޑިޔާރު، ސަރުކާރަށް އެނގި. އެފްބީއައިން އެއްބަސްވި، އެއީ ތަރުޖަމާ ކުރުމުގައި ހެދުނު ގޯހެއް ކަމަށް" އާރިފް، އިތުރަށް ތަފްސީލު ކޮށްދިނެވެ.
އާރިފް ބުނާ ގޮތުގައި ބުޝްގެ ސަރުކާރުން އޭނާގެ ކޭސް "ބޮޑުކޮށްލީ" ސިޔާސީ މަންފާއެއް ހާސިލު ކުރުމަށެވެ.
މި ހުރިހާ ކަމެއްގައި ބައްދާލި އާރިފް ވަނީ، އެކަނި ބަންދުގައި، ހައި ސެކިއުރިޓީ ފެސިލިޓީއެއްގައިވެސް 2 އަހަރާއި ބައިގެ މުއްދަތެއް ހޭދަކޮށްފައެވެ. އެތަނުގައި ނަފްސާނީ ގޮތުންވެސް އެތައް އަނިޔާއެއް ދިނެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް، އާރިފް އަދިވެސް ހުރީ އެމެރިކާގެ ޑިފެންޑަރެއްގެ ގޮތުގައެވެ. އޭނާގެ ހިތުގައި އެމެރިކާއާ މެދު ނަފުރަތެއް ނެތެވެ. އާރިފްގެ ދެމަރިފިންގެ 2 އަންހެން ދަރިންނާއި 2 ފިރިހެން ދަނީ، ތައުލީމު ހާސިލު ކުރަމުން ދަނީ އެމެރިކާގައެވެ.