އިދިކޮޅު ޕީޕީއެމްއިން އަނެއްކާވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސިޔާސީ ޕާޓީތައް ހަދަން ނުކުންނަންވާނީ މުރާލި މީހުން ކަމަށާއި އެކަމަށް ކެރި ކުޅަދާނަ ކަން ހުރި މިންވަރަށް ވިސްނައިގެން ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ނެތް ބޭފުޅުން ޕާޓީ ހަދަން ނުކުތީމަ އަދަދު ހަމަނުވުމަކީ ޕީޕީއެމްއާ ބެހޭ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ މި ވާހަކަތައް ރައްދުވާ ފަރާތަކީ ދާދި ފަހުން ސިޔާސީ ޕާޓީއެއް އުފައްދަވަން ނުކުންނެވި ނާޒިމް އަދި ރިޔާޒްގެ ވާހަކައެވެ. މިހާރު ޕާޓީތައް ހައްދަވަން އުޅުއްވާ ބޭފުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ ހިތްހަމަ ނުޖެހިގެން އުޅޭ ސަބަބު ހާމަކުރައްވަމުން އަދުރޭ ވަނީ، އަބްދުﷲ ރިޔާޒަށް ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ދޭން ނިންމި ނަމަވެސް އެކަން އެހެން ނުނިންމުނު ސަބަބު ހާމަ ކުރައްވާފައެވެ.
ހޯމް މިނސްޓްރީއަކީ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓިއަށް ލިބުނު ސްލޮޓެއް ކަމަށާއި އޭރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒު ބޭނުންވެވަޑައިގަތީ ހޯމް މިނިސްޓަރުގެ މަގާމް ކަމުގައި އަދުރޭ ވިދާޅުވިއެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާ މަޝްވަރާ ކުރުމުން އަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރަކަށް ގެނައުމަށްޓަކައި ސީޕީ ކަމުން އިސްތިއުފާ ދެއްވަން ގާސިމް އިބްރާހީމް އެންގެވުމުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅަކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށާއި ހޯމް މިނިސްޓަރުކަމަށް ނަން ފޮނުވަން ޖެހޭނީ ކައުންސިލުން ކަމަށް ވިދާޅުވުމުން ކައުންސިލް ބާއްވައިގެން ކައުންސިލުން ނިންމީ އުމަރު ނަސީރު އެމަގާމަށް ހަމަޖެއްސުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން އޭރު އަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ރައީސް ޔާމީނާ ހެދި ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ހަމައެއާއެކު ކާނަލް ނާޒިމްއާ ގުޅޭ ގޮތުންވެސް އަދުރޭ ވަނީ އެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އެ ގޮތުން ޔާމީންގެ ވެރިކަމުގައި ކާނަލް ނާޒިމް ގިނަ ވަގުތު ރައީސް އޮފީހުގައި ހޭދަ ކުރައްވަމުން ދިޔަ ކަމަށާއި އެ ފުރުސަތު ރައީސް ޔާމީން ނުދެއްވީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެގޮތުން އެ ވަޒީރެއްގެ މަސައްކަތް އެ ވަޒީރެއްގެ މިނިސްޓްރީގައި ކުރެއްވުމަށް ރައީސް ޔާމީން ބާރު އެޅުއްވިއެވެ. އެހިސާބުން ކާނަލް ނާޒިމް ވަނީ ރައީސް ޔާމީނާ ގުޅޭ ގޮތުން އޭނާގެ ޝުއޫރު ފާޅު ކުރައްވަން ފައްޓަވާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ފިސްތޯލައިގެ މައްސަލަ ކުރިމަތިވީ އޭގެ ފަހުން ކަމަށާއި އެކަން ކުރިމަތިވުމުން ސިފައިންގޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ރައީސް ޔާމީންއާ ކުރިމަތިލާން ގޮސްދިނުމަށް ނާޒިމް އެދުނު ކަމަށް އަދުރޭ ވިދާޅުވިއެވެ. ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުން އެހިސާބުން ސިފައިންގޭގެ އިސް ބައެއް ވެރިން ރައީސަށް އެ ވާހަކަތައް ހިއްސާ ކުރެއްވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އެ ދެބޭފުޅުންނަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީތައް ހެދުމުގެ ތަޖުރިބާއާއި އެކަމުގެ ގާބިލްކަން ވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހުރި ކަމަށެވެ. ރައީސް ޔާމީން ހުންނަވައިގެން އުފެއްދި ޕީއޭ ވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވެއްޖެ ކަމަށާއި 24 ގަޑިއިރުގެ ތެރޭގައި ގާނޫނީ އަދަދު ހަމަކޮށް ޕީޕީއެމް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕީއެންސީ ހަދަން ހުއްދަ ދިންތާ 24 ގަޑިއިރުގެ ތެރޭގައި ފަސްހާސް ފޯމް ހަމަކޮށްފައި ވާނެ ކަމަށް ވެސް އަދުރޭ ފާހަގަކުރެއްވިއެވެ.
މިއީ ހީވާގި މުރާލި ބޭފުޅުން ކަންކަމަށް ނުކުންނެވީމާ ވާގޮތް ކަމަށާއި ކަންނެތް އިތުބާރު ގެއްލިފައިވާ މީހުން ކަންކަމަށް ނުކުތީމާ ރައްޔިތުން ބަލައި ނުގަތުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން ޕީޕީއެމަކީ ކުޅޭކުޅޭ ޕާޓީއެއް ކަމަށް ހީ ނުކުރެއްވުމަށާއި ދިވެހިން ގޮވައިގެން ތަރައްގީގެ އުސް މިންތަކަށް ވާސިލްވެވޭނެ ރައީސަކީ ރައީސް ޔާމީން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.