ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރު ކޮށްފައިވާ އިސްލާމް އަދި ގުރްއާން ފޮތުން ކުށެއް ފެނިއްޖެނަމަ އެކަން އަންގަން އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ސްކޫލްތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އިސްލާމް އަދި ގުރްއާން ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ފޮތްތަކުގައި އިސްލާހު ކުރަންޖެހޭ ކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިއްޖެނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާ، ސަފްހާ އެނގޭނެހެން ލިޔުމަށްފަހު، އީމެއިލް ކުރުމަށް އެދިފައެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރު ކޮށްފައި ވާ އިސްލާމް އަދި ގުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލި ކޮމެޓީގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި އެފޮތްތައް އަލުން ބަލާ، ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލާ، އެ ކޮމެޓީގެ ތެރެއިން އިތުރު ކުދި ކޮމިޓީތަކެއް ހަދާ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ފެންމަތިވެފައި ވާއިރު އޭގެ ތެރޭގައި ގްރޭޑް 11 ފޮތުގެ ސޫރަތުލްޖުމްއާގެ 10 ވަނަ އާޔަތް ނުބައިކޮށް ލިޔެފައިވާ މައްސަލަ ފެންމަތިވެފާވެއެވެ.
އޭގެ އިތުރުން ގްރޭޑް 1 ގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މައްސުނިވެފައި އޮތް މައްސަލައެއް އަދި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.
ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައި އޮޅިފައިވާ ދެ ސޫރަތަކީ ނަބާ ސޫރަތާއި ނަޒިއާތު ސޫރަތެވެ. ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.
ގްރޭޑް 12 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވަނީ އެ ފޮތުގެ 39 ވަނަ ސޮފްހާގައެވެ. އެއީ އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތެވެ.
ހަމައެހެންމެ 6 ގެ ގުރުއާން މައްދާގެ ދަރިވަރުން ފޮތުގައި ސޫރަތުލް ކައުސަރް ނިންމުމަށް ފަހު ވަނީ ދެ ކަލިމަ އިތުރު ކޮށްފައެވެ.
އެމައްސަލަތަކާ ގުޅިގެން ގިނަ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.