ސިއްހަތު ޖަމިއްޔާއިން ދެކުނު އިރުމަތީ އޭޝިއާ ތަމްސީލްކުރަން ދިވެހިރާއްޖޭގެ ނަން މިސަރަހައްދުގެ މެންބަރު ގައުމުތަކުން ނޮމިނޭޓް ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެ ނޮމިނޭޓް ކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 74ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ކަމަށެވެ.

މި މަހުގެ 6 އިން 10 އަށް ވާޗުއަލްކޮށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މި ސަރަހައްދުގެ ސިއްހަތާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމުނު ކަމަށާއި ބައިވެރިން ވަނީ ކޮވިޑް-19ގެ ހާލަތުގައި ސިއްހީ ދާއިރާއިން ދެމުންގެން ދާ އަސާސީ ހިދުމަތްތައް ހަރުދަނާކޮށް، ހިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ ހާއްސަ ގަރާރެއްގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެ ގަރާރުގެ ސަބަބުން ކޮވިޑް-19 ފަދަ އާލަމީވަބާގެ ހާލަތްތަކުގައި ސިއްހީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މެންބަރު ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ފަރާތުން ދެމުންގެންދާ އެހީ މިހާރަށްވުރެ ފުޅާކުރެވިގެންދާނެ ކަމަށެވެ.

އެބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، މެއި 2022 އިން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ ތަމްސީލްކުރުމަށާ، ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމެޓީގައި މިސަރަހައްދު ތަމްސީލްކުރުމަށް ދިވެހިރާއްޖޭގެ ނަން މިސަރަހައްދުގެ މެންބަރު ގައުމުތަކުން ނޮމިނޭޓް ކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މި ސަރަޙައްދުގެ ސިއްހީ ދާއިރާގެ ގިނަ މައުޟޫތަކަށް މަޝްވަރާކޮށް، 75ވަނަ ވޯލްޑް ހެލްތު އެސެމްބްލީއަށް ހުށަހެޅުމަށްޓަކާ ނިންމުންތަކެއް ނިމާފައިވާ ކަމަށެވެ. އެގޮތުން، 4 ރިޒޮލިއުޝަނާ، 5 ޑެސިޝަންސް ފައިނަލައިޒް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރޭގައި، އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސްޓީއައި ފަދަ ބަލިތައް ފެތުރުން ހުއްޓުވުމުގެ އެކްޝަން ޕްލޭންތަކާ، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، އެކަން ކޮންޓްރޯލްކުރުމަށްޓަކައި ގައުމުތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާކުރުމާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކާ ސިއްހީ ދާއިރާއިން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވި ގޮންޖެހުންތަކާ، އެ ކަންކަމުން އަރައިގަތުމަށް ކުރި މަސައްކަތްތައް ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން މެންބަރު ގައުމުތަކާ ހިއްސާ ކުރި ކަމަށެވެ.

އެ ބައްދަލުވުމުގައި މި ސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާ، ހާއްސަ މަންދޫބުންނާ، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑައިރެކްޓާ ޖެނެރަލްގެ އިތުރުން މި ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ބައިވެރިވި ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން އ.ދގެ ކަމާގުޅޭ ޖަމުއިއްޔާތަކާ، ސިއްހީ މާހިރުންނާ، ޖަމުއިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.