އަފްގާނިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ސިޔާސީ އަދި އިގުތިސޯދީ ކާރިސާއަށް ރިއާޔަތް ނުކުރާ ކަމުގައި ވަނީ ނަމަ، އަފްގާނިސްތާނުގެ އަބާދީގެ 97 ޕަސެންޓް ހާ މީހުން، އިންތިހާ ފަގީރުގެ ރޮނގު ހުރަސް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރު، އދއިން ދިފިއެވެ.

ތަރައްގީއާއި ބެހޭ އދގެ މަޝްރޫއު (ޔޫއެންޑީޕީ) އިން އާންމު ކޮށްފައި ވާ ރިޕޯޓެއް ބުނާ ގޮތުގައި، އަފްގާނިސްތާނުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދަށަށް ދާ ކަމުގައި ވަނީ ނަމަ، އެ ގައުމުގައި އިންތިހާ ފަގީރު ކަން އޮތް ނިސްބަތް 25 ޕަސެންޓް އިތުރު ވުމުގެ ފުރުސަތު އެބަ އޮތެވެ. އަފްގާނިސްތާނުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ، މިހާރުވެސް އިންސާނީ އެހީއަށް ބަރޯސާވެފައި ވާ ބައެކެވެ.

އަފްގާނިސްތާނުގައި ހުންނަވާ ޔޫއެންޑީޕީގެ މަންދޫބު، ޢަބްދުﷲ އަލް ދަރުދާރީ ވިދާޅުވީ، އަފްގާނިސްތާނު އޮތް ފަދަ ހާލަތަކަށް ގައުމެއް ހިނގައްޖެނަމަ، އައިއެމްއެފްއާއި ވޯލްޑް ބޭންކު ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އދއާއެކު މަޝްވަރާކޮށް، އިގުތިސޯދީ އިސްލާހީ މަޝްރޫއުތައް ތަންފީޒު ކުރާނެ ކަމަށާ، ނަމަވެސް، އަފްގާނިސްތާނާ ގުޅިގެން އެފަދަ ކަމެއް ނުހިނގާނެ ކަމީ، އެނގެން އޮތް ކަމެއް ކަމަށެވެ.

ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމުގެ ކުރިންވެސް އެ ގައުމަކީ، ބައިނަލްއަގުވާމީ އެހީއަށް އިންތިހާއަށް ބަރޯސާވެފައި އޮތް ގައުމެކެވެ. އަފްގާނިސްތާނުގެ ޖީޑީޕީގެ 3 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ބޭރުގެ ފަންޑުތަކުންނެވެ.

އދއިން ވަނީ އެހީދޭ މަސައްކަތްތެރިންނަށް، އެބައި މީހުންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް، ތޯލިބާން ޖަމާއަތަށް ގޮވާލާފައެވެ.

ކަން މިހެން އޮތް އިރު، ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ އެހީދޭ ޖަމިއްޔާ، ޑޮކްޓާޒް ވިތައުޓް ބޯޑާޒްއިން ވަނީ، އަފްގާނިސްތާނުގެ ސިއްހީ ނިޒާމުވެސް އޮތީ ހީނަރު ފައްތަރެއްގައި ކަމަށާ، މުޅި ނިޒާމް އިނދަޖެހުން އެކަށީގެން ވާ ކަމުގެ އިންޒާރު ދީފައެވެ.