މަރުވި މަންމަގެ ހަށިގަނޑު ކުނިނުވާނެހެން ހެދުމަށްފަހު ގޭގެ ބޭސްމަންޓްގައި އަހަރަކަށް ވުރެ ގިނަ ދުވަހު ގެންގުޅެމުން ދިޔަ، އުމުރުން 66 އަހަރުގެ ފިރިހެނަކު ފެނިފައި ވާ ކަމަށް، އޮސްޓްރިއާގެ ފުލުހުން ހާމަކޮށްފިއެވެ.

ޑިމެންޝިއާ ހުންނަ ކަމަށް ބެލެވޭ، އުމުރުން 89 އަހަރުގެ އަންހެން މީހާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު، ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށް ހަބަރު ލިބެއެވެ. މަންމަ މަރުވުމުން، އެ މަންމަ ހަށިގަނޑުން ކުނިވަސް ބޭރު ނުވާނެ ކަން ކަށަވަރު ކުރުމަށްޓަކާ، އޭނާގެ ދަރިފުޅު، އެ ހަށިގަނޑު ފޮރުވީ، ގޭގެ ތިރީގައި، ރާ ރައްކާކުރަން ހަދާފައިވާ ފިނިކުރާ ޗޭމްބަރެއްގެ ތެރޭގައެވެ. އަދި އައިސްފެކްސްއާއި ބެންޑޭޖުވެސް ބޭނުންކޮށްފައިވެއެވެ.

ޕެންޝަން ފައިސާގެ ބޭނުމުގައި އޮސްޓްރިއާ ފިރިހެނަކު އޭނާގެ މަންމަގެ ގަބުރު ފޮރުވި ތަން / ފޮޓޯ: އެންވައި ޑެއިލީ ނިއުސް

މަންމަ މަރުވުމަށް ފަހުގައިވެސް ދަރިފުޅު ވަނީ މަންމަގެ ޕެންޝަން ފައިސާ ނަގަމުން ގޮސްފައެވެ. އެގޮތުން ގަވައިދާ ހިލާފަށް ނަގާފައިވާ ޕެންޝަން ފައިސާގެ އަގު، 500000 ޔޫރޯއަށް އަރާނެ ކަމަށް އޮސްޓްރިއާގެ ފުލުހުން ގަބޫލު ކުރެއެވެ.

މި ފަދަ ކަމެއް ހިނގަމުން ދާކަން، ކަމާ ބެހޭ ފަރާތްތަކަށް ޝައްކުވީ، ދޮށީ އުމުރުގެ މީހުންނަށް އެހީ ބަހަމުން ދިޔަ އާ ޕޯސްޓްމަނަކު، އެ އަންހެން މީހާއާ ބައްދަލު ކުރަން އެދުމުން، އެކަމަށް ހުރަސް އަޅާ، އެ ފުރުސަތު ފަހިކޮށް ނުދިން ހިސާބުންނެވެ. ތަހުގީގެ ފެށި މިހާ ހިސާބުންނެވެ.

އޮސްޓްރިއާގެ ފުލުހުން ބުނީ، ދަރިފުޅު އެކަން ކޮށްފައި ވަނީ، އޭނާއަށް އާމްދަނީ ލިބޭނެ އިތުރު މަސްދަރެއް ނެތުމުން ކަމަށް އެ ދަރިފުޅު ބުނެފައި ވާ ކަމަށެވެ. އަދި މަންމަގެ މަރުގެ ރިޕޯޓް، ކަމާ ބެހޭ ފަރާތްތަކަށް ކޮށްފި ނަމަ، ޕެންޝަން ފައިސާ ހުއްޓޭނެތީ ކަމަށް ވެއެވެ. މި ފައިސާ ހުއްޓިއްޖެނަމަ މަންމަގެ ޖަނާޒާއަށް ފައިސާ ދައްކާނެ ގޮތެއްވެސް ނޯންނާނެ ކަމަށާއި ދެމައިން ހިއްސާ ކުރަމުން ދިޔަ ގެވެސް ގެއްލޭނެ ކަމަށް އެ ދަރިފުޅު ބުނި ކަމަށް ވެއެވެ.

މަންމަގެ ގަބުރު ފޮރުވައިގެން އުޅުނު ދަރިފުޅު، އޭނާގެ އަޚަށްވެސް މިކަމުގައި އޮޅުވާލާފައި ވާ ކަމަށް ވެއެވެ. އެގޮތުން ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން މަންމައަށް ފަރުވާ ދެމުން އަންނަ ކަމަށާ، މަންމަގެ ހާލު ހުރި ގޮތުން، އެ އަޚް، މަންމަ ގާތަށް ޒިޔާރަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް ބުނެފައި ވާ ކަމަށް ހަބަރު ލިބެއެވެ.