ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ށ އަދި ރ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، ރައީސް ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާހްކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓިޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ރ އަތޮޅުގެ 5 ރަށަކަށާއި ބ އަތޮޅުގެ 4 ރަށަކަށް ޒިޔާރަތް ކުރައްވާފައެވެ. އެއީ ށ.ފުނަދޫ، ށ.ފޯކައިދޫ، ށ.ޅައިމަގު، ށ.މިލަންދޫ، ރ. އަލިފުށި، ރ.ވާދޫ، ރ. އަނގޮޅިތީމާއި ރ. ރަސްގެތީމު އަދި ރ.މަޑުއްވަރީއެވެ.

މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައެވެ.

ރައީސްގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސްގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.