ތައުލީމު ގާނޫނުގެ ދަށުން އުފައްދަން ޖެހޭ "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލައިފިއެވެ.

ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލާފައިވަނީ މިއަދު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޓީޗަރުން ރަޖިސްޓްރޭޝަން ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާއެވެ. އެ ރަޖިސްޓްރާއަކީ، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެއެވެ.

ރަޖިސްޓްރާގެ އިތުރުން ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، އެޑިއުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި ތައުލީމީ މަންހަޖު އެކުލަވަލައިލުމުގެ ދާއިރާގެ ފަރާތަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ މީހެކެވެ.

ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ހިމެނޭ މެންބަރުން:

  • ރަޖިސްޓްރާ: އާއިޝަތު އަތިޔާ ނަސީރު، މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން
  • އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސާ
  • ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސާ
  • ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސާ ކޯޑިނޭޓަރު
  • ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ އަލީ، އެޑިޔުކޭޝަން އޮފިސާ

ރާއްޖޭގައި ކިޔަވައިދެމުން އައީ ޓީޗަރުންނަށް ވަކި ހާއްސަ ލައިސަންސެއް ނެތިއެވެ. ނަމަވެސް މަޖިލީހުން "ތައުލީމުގެ ބިލް" ފާސްކުރި ބިލާއެކު، ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން އެ ނޫން ވެސް ތަނެއްގައި ކިޔަވައިދޭނަމަ ރަޖިސްޓްރީކުރުން މަޖުބޫރުވާނެއެވެ.