ހަތިޔާރު އެޅި ހަނގުރާމަވެރިން ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނަށް، އެމާޖެންސީ އެއިޑްގެ ގޮތުގައި، 200 މިލިއަން ޔުއާން ނުވަތަ ގާތްގަނޑަކަށް 31 މިލިއަން ޑޮލަރުގެ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް، ޗައިނާއިން ވައުދުވެއްޖެއެވެ.
ވަގުތީ ސަރުކާރެއް އިއުލާން ކޮށްފައި ވާ ތޯލިބާނުންނާއެކު ސުލްހައިގެ މަޝްވަރާތައް ދަމަހައްޓާނެ ކަމަށް ބުނެފައި ވާ ޗައިނާ ސަރުކާރުން، އަފްގާނިސްތާނަށް ކުއްލި އެހީގެ ގޮތުގައި ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ ސަޕްލައިގެ އިތުރުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ހިމެނެއެވެ.
ޗައިނާގެ އެހީގެ ގޮތުގައި 4 މިލިއަން ޑޯޒްގެ ވެކްސިން، އަފްގާނިސްތާނަށް ހަދިޔާ ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާއިން އަފްގާނިސްތާނަށް ކުއްލި އެހީ ހަމަޖައްސާދޭކަން އެ ގައުމުގެ ފަރާތުން އިއުލާން ކުރެއްވީ، ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީއެވެ. އޭނާ މިކަން އިއުލާން ކުރެއްވީ، އަފްގާނިސްތާނުގެ އަވަށްޓެރި ގައުމުތަކެއް ކަމުގައި ވާ ޕާކިސްތާން، އީރާން، ތަޖިކިސްތާން، އުޒްބަކިސްތާން އަދި ތުރުކަމަނިސްތާނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި.
މި ބައްދަލުވުމުގައި، ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ، އަފްގާނިސްތާނަށް އެހީވުމުގައި އެ ގައުމުތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ކުރި ދިގު ހަނގުރާމަ ނިމުމަކަށް ގެނެސް، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔަ ދިއުމަށް އެންމެ ފާޅުގައި ފާޑުކިއަމުން ދާ އެއް ގައުމަކީވެސް ޗައިނާއެވެ. ޗައިނާގެ ދައުލަތުގެ އޮފިޝަލަކޖު ވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށްވެސް އަފްގާނިސްތާނުގެ ރައްޔިތުންނަށް ސީރިއަސް ގެއްލުންތަކެއް ދީފައި ވާ ކަމަށް ސިފަކުރައްވާފައެވެ.
ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގައި އިންތިގާލީ ސަރުކާރެއް އިއުލާން ކޮށްފައިވާ ތޯލިބާން ޖަމާއަތުން ވަނީ،. ޗައިނާއަކީ އަފްގާނިސްތާނުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި ވާ ގައުމު ބިނާ ކުރުމަށް ޗައިނާގެ އިންވެސްޓްމަންޓްތަކަށް އެ ޖަމާއަތުން ބަރޯސާވެގެން އޮތް ކަމަށްވެސް ތޯލިބާނުން ވަނީ އިޝާރާތް ކޮށްފައެވެ.