މި އަހަރުގެ އޮގަސްޓު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ މިންވަރު މައްޗަަށް އަދި އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި މި ދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވެއެވެ. އަދި މި އަހަރުގެ އޮގަސްޓު މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 63 ޕަސަންޓްގެ އިތުރު ވުމެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި 102 މިލިއަން ރުފިޔާ ލިބިފައި ވާއިރު މި އަހަރުގެ އޮގަސްޓު މަހު ދައުލަތަށް ލިބިފައި ވަނީ 288 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު 182 ޕަސަންޓު ދަށް ވުމެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއިން 675 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު، މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނި 270 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު 60 ޕަސަންޓް ދަށް ވުމެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލެންޑާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަށެވެ. އެގޮތުން ތައިލެންޑަށް 53 ޕަސެންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނަށް ވަނީ 7 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. އަދި އިނގިރޭސި ވިލާތަށް ވަނީ 7 ޕަސެންޓް މުދާ ބޭރުކޮށްފައެވެ.

މި އަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ޗައިނާ، ޔޫއޭއީ އަދި އިންޑިއާއިންނެވެ. އެއީ ޗައިނާ އިން އެތެރެކުރި 458 މިލިއަން ރުފިޔާގެ މުދަލާއި ޔޫއޭއީއިން 447 މިލިއަން ރުފިޔާގެ މުދާގެ އިތުރުން އިންޑިއާއިން އެތެރެ ކުރި 492 މިލިއަން ރުފިޔާގެ މުދަލެވެ.