މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޓޮމޯޓިވް ވޯކްޝޮޕް ޒަމާނީ މެޝިނަރީއާ އިކުއިޕްމަންޓްތަކާއެކު މިއަދު ހުޅުވައިފިއެވެ.
ޕޮލިޓެކްނިކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ވޯކްޝޮޕް ހުޅުއްވާދެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއެވެ.
މިއަދު ހުޅުވިގެންދިޔަ އެވޯކްޝޮޕް އަކީ އޮޓޯމޯޓިވް މަސައްކަތްތައް ދަސްކޮށްދިނުމާ އެކަމާ ގުޅޭ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ މެޝިނަރީއާ އިކުއިޕްމަންޓްތައް ހިމެނޭ ވޯކްޝޮޕެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ވުނީ އެވޯކްޝޮޕުގައި ދަރިވަރުން ކިޔެވުމާ މަސައްކަތް ދަސްކުރުމަށް ބޭނުންވާ އިކުއިޕްމަންޓާ މެޝިނަރީ ހަދިޔާކޮށްފައިވަނީ މީރީ ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު ކަމަށެވެ.
ޒަމާނީ ފެންވަރެއްގައި އެފަދަ ވޯކްޝޮޕެއް ހުޅުވިގެން ދިއުމަކީ އެދާއިރާއިން ޒުވާނުން ތަމްރީންކުރުމާ ވަޒީފާއާ އިތުރު ވިޔަފާރީތަކަށް އޮތް ދޮރެއްކަމަށް އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވިއެވެ. އަދި އެވޯކްޝޮޕަކީ ކުރިމަގުގައި ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ރޯޑްވޯދިނަސް ހެދުމުގައި މިހާރު ލިބެންނެތް ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ވޯކްޝޮޕެއް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.
މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންގެ ވާހަކަގައި މިއަދު ހުޅުވުނު އޮޓޯމޯޓިވް ވޯކްޝޮޕްގެ ސަބަބުން މޯލްޑިވްސް ޕޮލިޓެކްނިކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޯކްޝޮޕް ތަރައްގީ ވުމުން އެދާއިރާގެ އުފެއްދުންތެރި އާ ހިޔާލު ތަކެއްގެ ތެރެއިން ރާއްޖޭގެ މާހައުލާ ގުޅޭ އީޖާދީ އުފެއްދުންތަކެއް ފެނިގެން ދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިރު ވާހަކަ ދައްކަވަމުން، އޮޓޮމޯޓިވް ދާއިރާއަށް ކިޔަވަދޭނެ މީހުން ތަމްރީން ކުރަންޖެހޭ ވާހަކަ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ދަތި ކަމަކީ އެ ދާއިރާއިން މީހުން ތަމްރީނު ކޮށްދޭނެ ފަރާތްތައް ނުލިބުން ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އޭގެ އިތުރުން ޕޮލިޓެކްނިކުން މަސައްކަތް ކުރަމުން ގެންދަނީ މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ޒަމާނީ ވަސީލަތްތާކާއެކު މީހުން ތަމްރީނު ކުރުންކަމަށް ވެސް ނާސިރު ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގައި އޮޓޯމޯޓިވް ދާއިރާއިން މީހުން ތަމްރީނުކުރަން ފެށުނީ 2016 ވަނަ އަހަރުގައެވެ. އަދި އޮޓޯމޯޓިވް ދާއިރާއިން މިހާތަނަށް 80 ދަރިވަރުން ވަނީ ތަމްރީންވެފައެވެ.
އޮޓޮމޯޓިވް ދާއިރާއިން ޕޮލިޓެކްނިކުން މިހާރު ހިންގަމުންދާ ކޯސްތަކުގެ ތެރޭގައި:
- ޑިޕްލޮމާ އިން އޮޓޯމޯޓިވް އިންޖިނިއަރިންގ
- އެޑްވާންސްޑް ސެޓްފިކެޓްއިން އޮޓޯމޯޓިވް އިންޖިނިއަރިން
- ސެޓްފިކެޓް 3 އިން އޮޓޯމޯޓިވް ރިޕެއާ އެންޑް މެއިންޓަނަންސް
އެ އާއެކު ދެން ޕޮލިޓެކްނިކުން އިތުރު އިންޓޭކްއެއް ފަށްޓާނީ 2022 ވަނަ އަހަރުގެ ޖެނުއަރީގައި ކަމަށް ޕޮލިޓެކްނިކްގެ ސްޓޫޑެންޑް ސާވިސް ޑިރެކްޓާ މާޖިދާ މަޖީދް ވިދާޅުވިއެވެ.