ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރު ކޮށްފައިވާ އިސްލާމް އަދި ގުރްއާން ފޮތްތައް އަލުން ބަލާ، ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ކުދި ކޮމިޓީތަކެއް ހަދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރު ކޮށްފައި ވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ގުރްއާން ފޮތްތައް އަލުން ބަލާ، ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ ތެރެއިން އިތުރު ކުދި ކޮމިޓީތަކެއް ހަދާ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ކޮމެޓީތައް އެކުލަވާލާފައި ވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ޓީމްތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމާ ކޮންމެ ޓީމަކުން ވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްސީލް ރިޕޯޓެއް އެކުލަވާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރު ކޮށްފައި ވާ އިސްލާމް އަދި ގުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލި ކޮމެޓީގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި އެ ކޮމެޓީގެ މަސައްކަތް 7 ދުވަހުގެ ތެރޭގައި ނިންމާ އެޑިއުކޭޝަން މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ފެންމަތިވެފައިވާއިރު އޭގެ ތެރޭގައި ގްރޭޑް 11 ފޮތުގެ ސޫރަތުލް ޖުމްއާގެ 10 ވަނަ އާޔަތް ނުބައިކޮށް ލިޔެފައިވާ މައްސަލަ ފެންމަތިވެފާވެއެވެ.

އޭގެ އިތުރުން ގްރޭޑް 1 ގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މައްސުނިވެފައި އޮތް މައްސަލައެއް އަދި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައި އޮޅިފައިވާ ދެ ސޫރަތަކީ ނަބާ ސޫރަތާއި ނަޒިއާތު ސޫރަތެވެ. ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.

ގްރޭޑް 12 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވަނީ އެ ފޮތުގެ 39 ވަނަ ސޮފްހާގައެވެ. އެއީ އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތެވެ.

ހަމައެހެންމެ 6 ގެ ގުރުއާން މައްދާގެ ދަރިވަރުން ފޮތުގައި ސޫރަތުލް ކައުސަރް ނިންމުމަށް ފަހު ވަނީ ދެ ކަލިމަ އިތުރު ކޮށްފައެވެ.

އެމައްސަލަތަކާ ގުޅިގެން ގިނަ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.