ކޮވިޑް-19 އަށް މީހުން ޓެސްޓުކުރުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރުންގެ މަސްލަހަތު ހިމެނޭ ކްލިނިކްތަކުން މަކަރުހަދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފް މިފަދައިން ހދ. ނޮޅިވަރަމްގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދޭން ބޭނުންވާ ވަސީލަަތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހައްލުކޮށްދޭން ގޮވާލައި ހުށަަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ. އަފީފް ވިދާޅުވީ ޕީސީއާރް ޓެސްޓުކަމަށް ބުނެ، ރެޕިޑް ޓެސްޓް ހަދައިގެން ނަތީޖާ ދޭ ވާހަކަ އަޑު އިވޭ ކަމަށެވެ.

އަފީފް ވަނީ ކަންތައްތައް ކޮންޓްރޯލްކޮށް ރަނގަޅު ސިސްޓަމަކަށް ގެންދަން ތިއްބަވާ ޑޮކްޓަރުން މަކަރު ހަދާކަމަށް ވަނީ ނަމަ މިކަންތައްތައް ހުއްޓުމަކަށް ގެންނާނެ ގޮތަކީ ކޮބާއިތޯ ސުވާލު އުފައްދާފައެވެ. އަދި މިކަންތައްތައްސަރުކާރުގެ ފަރާތުން، ހާއްސަކޮށް ހެލްތު މިނިސްޓްރީން ރަނގަޅަށް ބަލަންޖެހޭ ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑަށް ޓެސްޓުކޮށްދޭ ބައެއް ކްލިނިކްތަކުން އަވަހަށް ނަތީޖާ ލިބޭ "އެކްސްޕްރެސް" ހިދުމަތްދެއެވެ. މިއީ އާންމުކޮށް ކޮވިޑްގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބޭ ވަރަށްވުރެ އަވަހަށް ނަތީޖާ ލިބޭ ހިދުމަތެކެވެ.

މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ނޮޅިވަރަމްގައި ކޮވިޑް ފެތުރިފައި އޮތް އިރު އެރަށުގައި އެމްބިއުލާންސެެއް ނެތުމުން ބަލިމީހުން އުފުލަނީ ޕިކަޕެއްގައި ކަމަށެވެ. ނޮޅިވަރަންފަރުގައި ވެސް ބަލި ފެތުރެމުންދާ ކަމަށާއި އެރަށުގައި ސިއްހީ ހިދުމަތްތެރި ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް ކުއްލި މައްސަލަަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްއެއް ފެނި ނޮޅިވަރަމް މޮނިޓަރިންނަށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މިހާތަނަށް 202 ޕޮޒިޓިވް ކޭސް ވަނީ އެ ރަށުން ފެނިފާވެއެވެ.