އއ. ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެކި ފަންތިއާ ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާ އެއް ވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި ސްޓެލްކޯއިން އަބަދު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

މިވަގުތު ރަސްދޫގައި ހިދުމަތް ދެމުންގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކު. އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް. އެއާއެކު، މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް.
ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އާ އިންޖީނުގެ އިމާރާތް ކުރަމުންދަނީ ހިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައި ކަމަށެވެ. އަދި ރަސްދޫގައި އަލަށް އިމާރާތް ކުރަމުންދާ އިންޖީނުގެ އަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެ ކަމަށާ އެ އާ އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދާދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އޮންލައިން މޮނިޓަރިން އާ، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އާ އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ އުންމީދަކީ އާ އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މިއާ އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާ، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާ، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް ދެވިގެންދިއުން ކަމަށެވެ.