ދަރިންގެ އިސްލާމީ އަގީދާ ފާސިދަކުރަމުން ދާކަމުގެ ހެކިތައް ފެންނަމުންދާ ކަމަށް ޕްރޮފެސާ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތައުލީމު ދިނުމުގެ ނަމުގައި ދިވެހި ކުދި ދަރީންގެ އިސްލާމީ އަގީދާ ފާސިދުކުރަމުން ދާކަމުގެ ސާފު ހެކިތައް ފެންނަމުންދާ ކަމަށާ އެއްވެސް ހާލެއްގައި އެ ކަމަށް ތަންދެވިގެނެއް ނުވާނެ ކަމަށެވެ.
އޭގެ ސަބަބުން ޖީލުތައް ހަލާކުވާނެ ކަމަށާއި ރާއްޖޭގައި އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ކަމަށް އުގައިލް ވިދާޅުވިއެވެ.
އުގައިލް ވިދާޅުވީ ނަތީޖާއަކަށް ވާނީ، ދިވެހި ގައުމު ޖަހައިގަތުމަށް ފާރަލާ ބަޔަކަށް އެ ކަމުގެ ދޮރުތައް އޭގެ ތަންމިނަށް ހުޅުވުން ކަމަށެވެ.
އުގައިލް އެހެން ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެފައިވާ ދަނދިވަޅެއްގައެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ އިސްލާމް އަދި ގުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލެވުނު ކޮމެޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އަދި އެ ކޮމެޓީގެ މަސައްކަތް 7 ދުވަހުގެ ތެރޭގައި ނިންމާ އެޑިއުކޭޝަން މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.