ކުރިން ނިންމި ގޮތް ބަދަލުކޮށް، މާލެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި ޕްލޯތަކަށް އަރައިގެން ކުނި ނަގަން ސެޕްޓެންބަރު 15 ގައި ފަށާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި މަހުގެ 15 އިން ފެށިގެން ގޭގޭގެ އެންމެ ތިރީބުރިން އެކަނި ކުނި ނަގާ ގޮތަށް ކުރިން ހަމަޖެއްސުމަށް ފަހު، އެ އުސޫލު ބަދަލުކުރީ އާންމުންގެ ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ގުޅިގެންނެވެ.
ވެމްކޯ އިން މިއަދު ބުނީ، އެ ބަދަލު ގެނައީ އާއްމުންގެ ހިޔާލުތަކަށް ބެލުމަށް ފަހު ކަމަށެވެ.
މި ގެނައި ބަދަލާއެކު، ގޭގެއިން މަގުމައްޗަށް ދެން ކުނި ބޭރަށް ނެރުން މަނާވާނެއެވެ. އަދި ކޮންމެ އެޕާޓްމަންޓަކުން ވެސް ކޮންމެ ދުވަހަކު ކުނީގެ ގޮތުގައި އުކާލެވޭނީ، މިންގަނޑަށް ފެތޭ (40 ލީޓަރު) ސައިޒްގެ ތިން ޑަސްބިން ކޮތަޅު ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު) ގެ ކުންޏެވެ.
ވެމްކޯ އިން ވަނީ މިއަދުން ފެށިގެން އެ ކުންފުނީގައި ރަޖިސްޓަރީ ވެވޭ ގޮތް ވެސް ބަދަލުކޮށްފައެވެ. އެގޮތުން، މިހާރު ރަޖިސްޓަރީ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި އެކަންޏެވެ. ނަމަވެސް ކުރިން ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކުރިން ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް ވެމްކޯއިން ބުނެއެވެ.
މާލެ ސަރަހައްދުގައި ކުނި ނެގުމުގެ ހިދުމަތް ދޭނެ ގޮތަށް ބަލާއިރު، މާލޭގައި 18:00 އިން 23:00 އަށް ކުނި ނެގުމުގެ ހިދުމަތް ދޭއިރު، ވިލިމާލެ އާއި ހުޅުމާލޭގައި މި ހިދުމަތް ދޭނީ 20:00 އިން 23:00 އަށެވެ.
ވެމްކޯގެ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ "ޑީ ކާޑު" ގެ ހިދުމަތް ވެސް މި މަހުގެ 15 އިން ފެށިގެން މެދުކަނޑާލާނެއެވެ. މިއީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިތުރަށް ތަރައްގީ ކުރުމަށް ސައިޓުގެ ބޮޑު ބައެއް ބަންދު ކުރާތީ އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. "ޑީ ކާޑު" ގެންގުޅޭ ކަސްޓަމަރުން ޖެހޭނީ ކުނި އުކައިލުމުގެ ހިދުމަތަށް ރަޖިސްޓަރީވާ އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.