ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ށ އަދި ރ އަތޮޅުގެ ބައެއް ރަށްތަކަށް މާދަމާ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، މި ދަތުރުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ށ އަތޮޅުގެ ހަތަރު ރަށަކަށާ ރ. އަތޮޅުގެ ހަތަރު ރަށަކަށް ކަމަށެވެ.

އެގޮތުން އެރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މުލަންދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގަތީމު އަދި ރ. އަނގޮޅެތީމެވެ.

މާދަމާ ރައީސް ށ. އަދި ރ އަތޮޅަށް ދަތުރުފުޅު ކުރައްވާ އިރު މިދިޔަ މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންފައެވެ. އެ ދަތުރުގައި ރައީސް ވަޑާގަތް ރަށްރަށަކީ، ތ. ތިމަރަފުށި، ކިނބިދޫ، އިމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެމަނިކުފާނު ވަނީ ތިލަދުންމަތީ ދެކުނުބުރިީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫ އަށް ވަނީ ވަޑައިގެންފައެވެ.